06 Jan 2014, 17:06
އައްޑޫ ސިޓީ ފޭދޫގައި ހަދާފައިވާ ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ހުޅުވާލާން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު މެންދުރު ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުޢިއްޒު ވިދާޅުވީ، ފޭދޫގައި ހަދާފައިވާ ރޯހައުސްތައް ހަދާފައިވާތާ ދޮޅު އަހަރުވީ އިރު، އެ ރޯހައުސްތައް އެއްވެސް ފަރާތަކާ ހަވާލުނުކޮށް ހުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެ ރޯހައުސްތަކަށް ދަނީ ކުރިމަތި ވަމުން ކަމަށެވެ. އަދި
ސަރުކާރުން ނިންމާފައި ވަނީ ފޭދޫގައި ހުރި ރޯހައުސްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު އަލުން ހުޅުވާލައި ޕޮއިންޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ކަންތައްތައް ސީދާ މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ފޭދޫގައި ހުރި ރޯހައުސްތަކަށް އަލުން ކުރިމަތި ލުމުގެ ކަންތައްތައް ކުރުމަށް ނިންމީ މިއަދު. އެހެން ވީމާ މިނިސްޓްރީގެ ފަރާތުން ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަސް ތެރޭގައި ފުރުޞަތު ހުޅުވާލާނަން. އަދި ޕޮއިންޓު ދީ ރޯހައުސްތައް ލިބޭ ފަރާތްތަކަށް އެ ރޯހައުސްތައް ހަވާލު ކުރާނަން. އެކަންތައްތައް ކުރާނީ ސީދާ މިނިސްޓްރީއާއި އައްޑޫ ސިޓީގެ ކައުންސިލާވެސް ގުޅިގެން. ރޯހައުސްތަކަށް އެހުޅުވާލާ ފޯމް ދޫކުރުމާ ބަލައިގަތުން ކައުންސިލްގައި ވެސް ކުރިއަށް ގެންދާނަން. އެއީ ގިނަ ބަޔަކަށް ފަސޭހަވާ ގޮތަށް ބަލާފައި. އެހެން ނަމަވެސް މިނިސްޓްރީގެ ބެލުމުގެ ދަށުން އެކަނތައްތައްވެސް ކުރިއަށް ދާނީ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އައްޑޫ ސިޓީގެ ކައުންސިލުން މީގެ ކުރިން އެ ރޯހައުސްތައް ދިނުމަށް ޓަކައި ދެ ފަހަރެއްގެ މަތިން ހުޅުވާލި ކަމަށާއި އެންނަމަވެސް ފޯމްތައް ވެސް ބަލައިގަނެ ޕޮއިންޓު ދީ ހެދުމަށް ފަހު ކޮންމެ ފަހަރަކު ވެސް ވަނި ކެންސަލްވެފައިވާ ކަމަށެވެ.
"މިގޮތަށް ކަންތައްތައް ކުރުމުގައި އަޅުގަނޑުމުން ވާނީ އައްޑޫ ކައުންސިލްގެ މޭޔާ އާ ވެސް ވާހަކަ ދެއްކެވިފައި. އެބޭފުޅުން ވެސް އުސޫލެއްގެ ގޮތުން މިކަމުގައި މައްސަލައެއް ނެތް." މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނސްޓަރު ވިދާޅުވީ، ސަރުކާރުން މިއަދު ވަނީ ކޮންޓުރަކްޝަން އިންޑަސްޓުރީއާ ބެހޭ ވަރަށް މުހިމު ނިންމުމެއް ވެސް ނިންމާފައި ކަމަށާއި އެނިންމުމަކީ ސަރުކާރުން ކޮންޓުރެކްޓުކުރާ ނުވަތަ ބިޑްކުރާ އެއްވެސް އެގްރިމެންޓެއްގައި ސޮއި ކުރާ ފަހުން އެޕޮރެޖެކްޓެއްގެ ގޮތުގައި އަގަށް އަންނަ ބަދަލު ތަކުގައި ކޮންޓުރެކްޓާ އަކަށް ނުވަތަ ސަރުކާރަކަށް ވެސް ފައިދާއެއް ވާކަހަލަ އެވެސް ނިންމުމެއް ނޯންނާނެ ކަހަލަ ކޮންޓުރެކްޓެއް ކަމަށެވެ.