ޕާޓީގެ އާންމު މެމްބަރުންގެ އަދަދު 10،000 ހަމަކުރުމަށް ދިން މުއްދަތަ ހަމަވުމުން، 10 ސިޔާސީ ޕާޓީއެއް އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީން ބުނީ 10،000 މެމްބަރުން ހަމަނުވާ 10 ޕާޓީއަކަށް، އެ އަދަދަށް މެމްބަރުން ހަމަކުރުމަށް ދިން ތިން މަސް ދުވަހު މުއްދަތުގެ ތެރޭގައި އެ އަދަދަށް މެމްބަރުން ހަމަކުރެވިފައި ނުވާ ކަމަށެވެ. އަދި މެމްބަރުން ހަމަނުކުރެވުނު 10 ޕާޓީ އުވާލާނީ އަންނަ މަހުގެ ހަތަކުން ފެށިގެން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އަންނަ މަހުގެ ހަތަކުން ފެށިގެން އުވާލާ ޕާޓީތަކަކީ އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ (އައިޑީޕީ) އާއި ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް އާއި ޕީޕަލްސް އެލަޔަންސް (ޕީއޭ) އާއި ޕީޕަލްސް ޕާޓީ އާއި ދިވެހި ގައުމީ ޕާޓީ އާއި ސޯޝަލް ލިބަރަލް ޕާޓީ އާއި މޯލްޑިވިއަން ލޭބާ ޕާޓީ އާއި ގައުމީ އިއްތިހާދު ޕާޓީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓެވެ.

ދިހަ ސިޔާސީ ޕާޓީއެއް އުވާލުމަށް އިލެކްޝަނުން ނިންމާފައިވާއިރު، ގައުމީ އިއްތިހާދު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލުމަށް އެ ޕާޓީތަކުން ވަނީ ނިންމާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އުވާލުމަށް ނިންމާފައިވާ ޕާޓީތަކުން ވެސް އެ ޕާޓީއެއްގެ މުދަލާއި ދަރަންޏާމެދު ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން އަމަލު ކުރުމަށްފަހު އެކަމާބެހޭ ލިޔުންތައް އަންނަ މަހުގެ ހައެއްގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10 ޕާޓީ އުވާލުމުން އިލެކްޝަންގެ ޕާޓީތަކުގެ ދަފްތަރުގައި އޮތީ ހަ ޕާޓީ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އާއި އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ޑީއާރްޕީ އެވެ.