06 Jan 2014, 16:42
ގަރާޖެއްގައި ހުރި އެއްޗެއްގެ ވަސް ބެލިފަހުން ނޭވާލާން ދަތިވެ، ހިތް ހުއްޓިގެން އައްޑޫ ސިޓީ ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް މީހަކު މަރުވެއްޖެ އެވެ.
ފޭދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު އިހްތިޝާމް ނަޖީބު ވިދާޅުވީ މަރުވެފައި ވަނީ ހއ. ހޯރަފުށި ހިތަށްފިނިވާގޭ އަބްދުއްސައްތާރު އަހްމަދު،50، ކަމަށެވެ.
އޭނާ ވިދާޅުވީ ގަރާޖެއްގައި ހުރި އެއްޗެއްގައި ވަސް ބެލިފަހުން ނޭވާލުމަށް އުނދަގޫވެގެން އަބްދުއްސައްތާރު ސިއްހީ މަރުކަޒަށް އައިސް އަމިއްލައަށް އެމަޖެންސީ ރޫމްގެ އޮށޯވެގަތް ކަމަށެވެ.
"އަބްދުއްސައްތާރު އިތުރު މީހަކާއެކު ސައިކަލުގައި ސިއްހީ މަރުކަޒަށް އައިސް، އަންގާ ވެސް ނުލާ ވަދެގެންދިޔަ ގޮތަށް، އެމެޖެންސީ ރޫމްގެ އެނދެއްގައި އޮށޯވެގަތީ. ދެން ނަރުހުންނާ ޑޮކްޓަރުން ގޮސް ވީ ގޮތް ބަލާފައި ފަރުވާދޭން ފެށީ،" އިހްތިޝާމް ވިދާޅުވި އެވެ.
ޑޮކްޓަރާއި ހަވާލާދީ އިހްތިޝާމް ވިދާޅުވީ އޭނާ މަރުވެފައި ވަނީ ކުއްލިއަކަށް ހިތް ހުއްޓިގެން ކަމަށާއި ނަމަވެސް ހިތްހުއްޓެއް މެދުވެރިވީ އެއްޗެއްގެ ވަސްބެލުމުން ކަމަށް ދަންނަވަން ދަތި ކަމަށެވެ. އަދި އޭނާ ވަސް ބެލީ ކޮން އެއްޗަކުން ކަމެއް ވެސް ސިއްހީ މަރުކަޒަކަށް ނޭނގެ އެވެ.
އެ މައްސަލަ ބެލުމަށްޓަކައި ފުލުހުންގެ ފޮރެންސިކް ޓީމެއް މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އިމަޖެންސީ ރޫމަށް ދިޔުމުން ނަރުހުން ގޮސް ވަގުތުން އޭނައަށް ފަރުވާދޭން ފެށި ކަމަށާއި ޑޮކްޓަރު އޮކްސިޖަން ގުޅައިގެން ކުރި މަސައްކަތުން ވެސް އެހާ ރަނގަޅަށް ނޭވާ ނުލާތީ އިންޖެކްޝަނެއް ޖެހުމުން ކުޑަވަގުތުކޮޅަކަށް ނޭވާލުމަށް ފަހު މަރުވީ ކަމަށެވެ.
އަބްދުއްސައްތާރަކީ ނޭވާއަށް އުނދަގޫ ކުރާ މީހެއް ކަމަށާއި އެކަމުގެ ފަރުވާއަކަށް "އިންހޭލާއެއް" އޭނާ ބޭނުން ކުރާ ކަމަށް އިހްތިޝާމް ވިދާޅުވި އެވެ.