ރާއްޖެ އާއި ޗައިނާއާދެމެދު އުފެދިވަފައިވާ ޒަމާންވީ ހާރިޖީ ގުޅުން އިތުރަށް ވަރުގަދަކޮށް ޗައިނާއިން ރާއްޖެއަށް އެހީތެރިވާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބޭއްވި "ޑިޕްލޮމެޓިކް ކޮންސަލްޓޭޝަންސް ބިޓްވީން މޯލްޑިވްސް އެންޑް ޗައިނާ"ގެ ފަސް ވަނަ ބުރުގެ ބައްދަލުވުމުގައި ދެ ގައުމުގެ ހާރިޖީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގައި އިސްކޮށް ހުންނެވީ، ޑެޕިއުޓީ މިނިސްޓަރު ފާތިމަތު އިނާޔާ އެވެ. އަދި ޗައިނާގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ވައިސް މިނިސްޓަރު އޮފް ފޮރިން އެފެއާޒް ލިއު ޒެންމިން އެވެ.

މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު އިނާޔާ ވަނީ، ޗައިނާ ސަރުކާރުން ރާއްޖެއަށް ތަފާތު ދާއިރާތަކުން މެދުކެނޑުމެއް ނެތި އެހީ ދެއްވަމުން ގެންދަވާނީ އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

ޗައިނާއާ ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް މަޝްވަރާތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމުގެ މުހިއްމުކަން ފާހަގަ ކުރައްވަމުން ޗައިނާގެ ވައިސް ފޮރިން މިނިސްޓަރު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަން މެދު ނުކެނޑި ދެމުން ގެންދާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ޗައިނާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުން ހިމެނެ އެވެ. އެގޮތުން ދެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި، ސަގާފީ ގުޅުންތައް ބަދަހި ކުރުމާއި، އަންހެނުންނާއި ޒުވާނުންގެ ތަރައްގީއަށް މަސައްކަތްކުރުމާއި، ވިޔަފާރީގެ އިންވެސްޓްމަންޓް ތަކާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުން ހިމެނެ އެވެ.

ރާއްޖޭގެ ހާރިޖީ ވުޒާރާއިން މިއަދު ބުނީ ރާއްޖެއާއި ޗައިނާއާ ދެމެދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ހާރިޖީ ވުޒާރާގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އިރު ޗައިނާގެ ވަފުދުގައި އެގައުމުގެ ހާރިޖީ ދާއިރާގެ އިސް ބޭފުޅުންނާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.