06 Jan 2014, 16:15
ކުއްލި ސިއްހީ ހިދުމަތް ނުވަތަ އެމަޖެންސީ މެޑިކަލް ސާވިސްގެ "ވަރުގަދަ ނެޓްވޯކެއް" ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މެނިފެސްޓޯގައިވާ "ސީ އެމްބިއުލަންސް"ގެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ މިހާތަނަށް އެމްބިއުލާންސްގެ ހިދުމަތް ދެމުން އައި ގޮތް ބަދަލުކޮށް މުޅިން އާ ނިޒާމެއް ތައާރަފް ވެގެންދާނެ ކަމަށެވެ.
ކަނޑު މަގުން ބަލި މީހުން ސިއްހީ ހިދުމަތަކާ ހިސާބަށް ގެންދިއުމުގެ މަގުސަދުގައި ފަށާ ސީ އެމްބިއުލަން ހިދުމަތް ދެވޭނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުން އެމްއެންޑީއެފްގެ ރީޖަނަލް ކޮމާންޑްތަކުން ނެވެ. މިކަމަށްޓަކައި ހެލްތު މިނިސްޓްރީއިން ވަނީ ރާއްޖޭގެ 23 ސަރަހައްދެއް ކަނޑައަޅާފަ އެވެ. ސަރަހައްދުތައް ކަނޑައަޅާފައި ވަނީ 30 މިނެޓާ 45 މިނެޓާ ދެމެދުގެ ދުރުމިނެއްގައި ހުންނަ ސަރަހައްދުތަކަށް ބަހާލައިގެން ނެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ ހިދުމަތުގެ ބޭނުމަކީ ބަލި މީހުން މާލެ ގެނައުން ނޫން ކަމަށާއި އެންމެ ކައިރިން ސިއްހީ ހިދުމަތް ލިބޭނެ ތަނަކަށް ގެންގޮސްދިނުން ކަމަށެވެ.
ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ މިހާތަނަށް ހެލްތު މިނިސްޓްރީގައި ހުރި ލޯންޗުތައް މަރާމާތުނުކުރެވުމުގެ ސަބަބުން މިހާރު ބޭނުން ކުރެވެނީ އެންމެ ހަ ލޯންޗު ކަމަށެވެ. އަދި ސީ އެމްބިއުލަންސްގެ ހިދުމަތް ދެވޭނީ މިލޯންޗު ފަހަރު ބޭނުންކޮށްގެން ކަމަށް ޑރ. ޝަކީލާ ވިދާޅުވި އެވެ.
"ހެލްތު މިނިސްޓްރީގައި އެބައޮތް 26 ލޯންޗު. ބަޖެޓް ނެތުމުގެ މައްސަލަ ދިމާވެގެން މަރާމާތު ނުކުރެވި. އެމްއެންޑީއެފްއާ އަޅުގަނޑުމެންނާ މިދެކެވޭ ވާހަކައަކީ ލޯންޗުތަކަށް ބަދަލު ގެނެސް، މަރާމާތު ކުރެވި، ސީ އެމްބިއުލަންސްގެ ހިދުމަތް ދިނުމުގެ ވާހަކަ،" ޑރ. ޝަކީލާ ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ ސީ އެމްބިއުލަންސްގެ ހިދުމަތް ފުރަތަމަ ފެށޭނީ ހަތަރު ސަރަހައްދެއްގައި ކަމަށާއި މިއަހަރުގެ ތެރޭގައި 23 ސަރަހައްދުގައި ހިދުމަތް ފެށޭނެ ކަމަށެވެ.
ހިދުމަތުގެ އަގާ ބެހޭ ގޮތުން ސުވާލު ކުރުމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ މިހިދުމަތް ވެސް ދެވިގެންދާނީ އާސަންދައިގެ ދަށުން ކަމަށެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތްތާގައި އެމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ގެ ގޮތުގައި ހިދުމަތް ފުޅާކުރެވިގެންދާނެ ކަމަށެވެ.
"އިމަޖެންސީ މެޑިކަލް ސާވިސްގެ ނަމުގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ހިދުމަތް ފަށާނަން. އެއީ 911 ނަމްބަރު. ނަމްބަރަށް ގުޅީމަ ހިދުމަތް ލިބޭ ގޮތަށް. އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފް އަދި ހެލްތް މިނިސްޓްރީގެ އޮފިޝަލުން މަޝްވަރާކުރަމުންދާނެ،" ނާޒިމް ވިދާޅުވި އެވެ.
މިހާރު މާލޭގައި އެހެން ރަށްތަކުގައި ވެސް ދެމުން ދާ އެމްބިއުލަންސްގެ ހިދުމަތާ ބެހޭ ގޮތުން "ސަން"އިން ސުވާލުކުރުމުން ހެލްތު މިނިސްޓަރު ޝަކީލާ ވިދާޅުވީ މިހާރު އެމްބިއުލަންސޭ ކިޔާ ވަރުގެ އުޅަނދެއް ރާއްޖޭގައި ނެތް ކަމަށެވެ.
"މިހާރު ހުރި އެމްބިއުލާންސްތަކަކީ ހަގީގަތުގައި އެއްބައި ފަހަރު ވޭން އަނެއްބައި ފަހަރު ޕިކަޕް، ނޫނީ މިކަހަލަ ގޮތަކަށް ސާވިސް ދެވެމުން ދަނީ. އަޅުގަނޑުމެންނަށް ވެސް އެނގޭ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުރި. އަދި ހަގީގަތުގައި އެމްބިއުލަންސޭ ކިޔާ ފެންވަރުގެ އެމްބިއުލަންސެއް ހުރީކީ އެއް ނޫން. އެކަމަކު އަޅުގަނޑުމެން މިއުޅެނީ އެކަން މުޅިން ބަދަލުކުރަން. ދެން އަޅުގަނޑުމެން ގާއިމް ކުރާނީ ވަރަށް ފެންވަރު ރަނގަޅު ސާވިސްއެއް. ލޭންޑް އެމްބިއުލަންސް އަދި ސީ އެމްބިއުލަންސް ވެސް،" ޑރ. ޝަކީލާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ހުރިހާ ވަސީލަތްތަކެއް އަދި އާލާތްތައް އެއްކޮށްގެން ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
"އެމްއެންޑީއެފް އަޅުގަނޑުމެން މިފާހަގަކުރަނީ އެމްއެންޑީއެފްގަވެސް އެބަހުރޭ ބައެއް ކަހަލަ އިކުއިޕްމަންޓް އަޅުގަނޑުމެންނަށް ބޭނުންކުރެވޭނެ. އަޅުގަނޑުމެން މިސަރުކާރުގެ ސިޔާސަތަކަށް ވަނީ ރާއްޖޭގައި ހުރި ހުރިހާ އިކުއިޕްމަންޓެއް ވިޔަސް ރިސޯސްއެއް ވިޔަސް ޕޫލްކުރަން. އެއް ދިމާލަކަށް ގެނެސް، އޭގެ ހިދުމަތް ދިނުމަށް. އެގޮތުގެ މަތިން އެމްއެންޑީއެފްގެ ލޯންޗަކަށް ވިޔަސް، ފުލުހުންގު ލޯންޗަކަށް ވިޔަސް ހެލްތު މިނިސްޓްރީގެ ލޯންޗަކަށް ވިޔަސް، ކުރިއަށް އޮތްތާގައި ކުރެވޭނެ މެކްސިމަމް ބޭނުން ކުރެވޭނެ." ނާޒިމް ވިދާޅުވި އެވެ.