06 Jan 2014, 15:36
އާމްދަނީއާ ގުޅުންހުރި މުހިންމު ބިލްތަކެއް ފާސްކުރުމަށްޓަކައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް ޕީޕީއެމުން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބް ލީޑަރު މޫސާ ޒަމީރު ވިދާޅުވީ އާމްދަނީއާ ގުޅުންހުރި މުހިންމު ބިލުތަކެއް ފާސްވެފައިނުވާތީ ދައުލަތުގެ ރެވެނިއު ވަރަށް ބޮޑަށް ދަށްވަމުން އަންނަ ކަމަށެވެ. އެހެންކަމުން އާމްދަނީއާ ގުޅުން ހުރި ބިލްތައް ވީހާވެސް އަވަހަކަށް ފާސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ބެޑް ޓެކްސް އުވާނުލައި ކުރިއެކޭވެސް އެއްގޮތަށް އެ ޓެކްސް ނަގާގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށާއި އަދި މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ޕީޕީއެމުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.
ޒަމީރު ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށްޓަކައި މަޖިލީހުގެ ގަވާއިދު ބުނާ 26 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ކުރި މަސައްކަތުން ޕީޕީއެމަށް ނިސްބަތްވާ ހުރިހާ މެމްބަރުންގެ ސޮއި ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ހަމައެކަނި ޕީޕީއެމްގެ މެމްބަރުންގެ ތާއީދު ލިބިގެން އެ ޖަލްސާ ނުބޭއްވޭނެ ކަމަށާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ތާއީދުވެސް އެކަމަށް ބޭނުންވާ ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މަޖިލީސް މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމްގެ ހުރިހާ މެންބަރުން އެ ހުށަހެޅުމުގައި ސޮއިކޮށްފައިވަނީ. މިހާރު މި މަސައްކަތްކުރަނީ އެ ހުށަހަޅުމަށް ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތާއީދު ލިބޭތޯ. އޭރުން އަޅުނގަޑުމެންނަށް އެ ހުށަހެޅުން މަޖިލީހުގެ ރައީސް އަށް ހުށަހެޅޭނީ. ނަމަވެސް އަދި ޖޭޕީގެ މެންބަރުން އެޔަކު ސޮއެއް ނުކުރޭ،" ޒަމީރު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ޗުއްޓީއަކަށް ރައްޔިތުންގެ މަޖިލީސް ވަނީ ގޮސްފަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއި ކުރުމަށް ފަހު މަޖިލީހުގެ ރައީސަށް އެކަން ހުށަހެޅުމުންނެވެ. އަދި އެގޮތަށް ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމްތައް މަޖިލީހުގެ ރައީސް ހަމަޖައްސަން ޖެހޭ ކަމަށްވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.