ޖަޕާނާއި ޗައިނާގެ އޮފިޝަލުންގެ މެދުގައި ބަދަލު ކުރެވޭ ބަހުގެ ހަމަލަތައް ހޫނު ވެ، އެއް ގައުމު އަނެއް ގައުމާ ދެކޮޅަށް ނޭދެވޭ ނަންނަން ބޭނުން ކުރައްވާ ހިސާބަށް ޑިޕްލޮމެޓުންގެ އަރައިރުން ހިނގައްޖެއެވެ.

ޖަޕާނާއި ޗައިނާގެ ޑިޕްލޮމެޓިކް އަރައިރުމުގެ ސިލްސިލާގެ އެންމެ ފަހުގެ އެޕިސޯޑު ފެނިގެން ދިޔައީ އިނގިރޭސި މީޑިއާއިންނެވެ. އިނގިރޭސި ވިލާތުގައި ހުންނަވާ ޖަޕާނުގެ މަންދޫބު ކެއީޗީ ހަޔާޝީ، ޑެއިލީ ޓެލެގްރާފް ނޫހަށް ލިޔުއްވައި، މިއަދު އެ ނޫހުގައި ޝާއިއު ކުރެވުނު ޚިޔާލު ކޮލަމެއްގައި މަޝްހޫރު ހެރީ ޕޮޓަރ ވާހަކަ ސިލްސިލާގެ ނުބައި ޝަޚްސު ކަމަށް ވާ ވޯލްޑެމޯރޓާއި ޗައިނާ އެއްފަދަ ކުރެއްވުން ކަމަށް ބެލެވޭ އިބާރާތްތަކެއް ބޭނުން ކުރައްވައިފައި ވެއެވެ.

"އިރުމަތީ އޭޝިއާ މިހާރު އޮތީ ހަތަރު އަނގޮޅިއެއްގައެވެ. ޗައިނާގެ ކުރިމަތީގައި އޮތީ ހުޅުވިފައި އޮތް ދެ ރާސްތާއެވެ." ހަޔާޝީ ލިޔުއްވައިފައި ވެއެވެ. "އެއް ރާސްތާ އަކީ ގާނޫނުގެ ހުކުމަށް ބޯ ލެނބުމާއި ވާހަކަ ދައްކައިގެން ކަންކަން ކުރިޔަށް ގެންދިޔުމުގެ ރާސްތާއެވެ. އަނެއް މަގަކީ ހަތިޔާރުގެ ވާދަވެރިކަމުގެ ރޭހެއް ފަށައި، ނުތަނަވަސްކަން އިތުރު ކޮށް، އިރުމަތީ އޭޝިއާ ސަރަހައްދުގެ ވޯލްޑެމޯރޓެއްގެ ދައުރު އަދާ ކުރުމުގެ ރާސްތާއެވެ. ނަމަވެސް ނުތަނަވަސްކަން އިތުރު ވާ ފަދަ އަމަލެއް ޖަޕާނުގެ ފަރާތަކުން ނުފެންނާނެއެވެ."

ހަޔާޝީގެ ޚިޔާލު ކޮލަމަކީ މި މަހުގެ 1 ވަނަ ދުވަހު، ހަމަ ޑެއިލީ ޓެލެގްރާފް ނޫހުގައި، އިނގިރޭސި ވިލާތުގައި ހުންނަވާ ޗައިނާގެ މަންދޫބު ލިއު ޝިއާއޮމިންގް ލިޔުއްވި އޮޕް-އެޑް ކޮލަމަކަށް ދެއްވި ރައްދު ކަމަށް ބެލެވެއެވެ.

ޝިއާއޮމިންގުގެ އޮޕް-އެޑުގައި އެންމެ ބޮޑަށް ނަންގަވައިފައި އޮތް މައްސަލައަކީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ، ޓޯކިޔޯގައި ހުންނަ ޔަސުކޫނީ ހަނދާނީބިނާއަށް ދާދި ފަހުން ޒިޔާރަތް ކުރެއްވި މައްސަލައެވެ. ޔަސުކޫނީ ހަނދާނީބިނާ އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި މަރު ވި ޖަޕާނުގެ ސިފައިންގެ ޒިކުރާގައި ހެދިފައި ވާ ތަނެކެވެ. މި ހަނދާނީބިނާގައި ނަން ގެނެވިފައި ވާ ޖަޕާނުގެ ސިފައިންގެ ތެރޭގައި، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޗައިނާ އާއި އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމަށް ފަހުން ސާބިތު ވި މީހުން ވެސް ހިމެނެއެވެ.

ޗައިނާ އާއި އިރުމަތީ އޭޝިއާގެ ގައުމުތަކުން ޔަސުކޫނީ ހަނދާނީބިނާއާ މެދު ދެކެނީ، އެއީ ޖަޕާނުން މާޒީގައި ގެންގުޅުނު އިސްތިއުމާރީ އަސްކަރީ ސިޔާސަތާއި، އެ ސިޔާސަތުގެ ސަބަބުން އެ ގައުމުތަކުގެ އެތައް މިލިއަން ރައްޔިތުންނަށް ލިބުނު އަނިޔާ އާއި ވޭނުގެ ރަމްޒެއްގެ ގޮތުގައެވެ.

"އަސްކަރިއްޔާތުގެ ސިޔާސަތަކީ ޖަޕާނާ އަވަލައިގަނެގެން އުޅޭ ވޯލްޑެމޯރޓެއް ކަމަށް ވަންޏާ، ޓޯކިއޯގައި ހުންނަ ޔަސުކޫނީ ބިނާއަކީ ފާޑެއްގެ ހޯކްރަކްހެކެވެ. އެ ހޯކްރަކްސް ރަމްޒު ކޮށްދެނީ ޖަޕާނުގެ ރޫހުގެ އެންމެ އަނދިރި ބައިތަކެވެ." ޝިއާއޮމިންގް ލިޔުއްވި އޮޕް-އެޑުގައި ވެއެވެ.

ހެރީ ޕޮޓަރ ވާހަކަ ސިލްސިލާގައި ބުނާގޮތުން، ހޯރކްރަކްސް އަކީ ނުބައި ޝައިތާނީ ސިހުރުވެރީން، މަރުން ސަލާމަތް ވެ އަބަދީ ހަޔާތެއް ހޯދުމުގެ ބޭނުމުގައި، އެމީހުންގެ ރޫހުން ބައެއް ނަގައި ރައްކާ ކުރުމަށް ޓަކައި އެ އެއްޗަކަށް ލާ އެއްޗެވެ.