06 Jan 2014, 15:14
ހިމާޔަތަށް އެދިގެން އިސްރާއީލަށް ގޮސް ތިބި 30000 އަށް ވުރެ ގިނަ އެފްރިކާ މީހުން އެ ގައުމުގެ ވެރިރަށް ޓެލް އަވީވުގެ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފިއެވެ.
އިއްޔެ ކުރެވުނު މުޒާހަރާ އަކީ އިސްރާއީލުގެ ތާރީޚުގައި އެ ގައުމަށް ހިޖުރަ ކޮށްގެން ތިބި ބިދޭސީން ކުރި އެންމެ ބޮޑު މުޒާހަރާ ކަމަށް މުރާސިލުން ޚަބަރު ދެއެވެ. މި މުޒާހަރާގެ ބައިވެރީން ވަނީ ރެފިއުޖީންގެ ހައިސިއްޔަތު އެމީހުންނަށް ދިނުމަށް އެދި އިސްރާއީލުގެ ސަރުކާރަށް ގޮވައިލައި، އެމީހުންނާ މެދު އިސްރާއީލުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ ދެކޮޅަށް އިހުތިޖާޖު ކޮށްފައެވެ.
އިސްރާއީލުގެ ފުލުހުންގެ ތަރުޖަމާނު މިކީ ރޮޒެންފެލްޑް އަލްޖަޒީރާއަށް މައުލޫމާތު ދެއްވި ގޮތުގައި، އިއްޔެގެ މުޒާހަރާގައި ބައިވެރި ވި ގިނަ މީހުންނަކީ އެފްރިކާގެ ގައުމުތަކަށް ނިސްބަތް ވާ މީހުންނެވެ. އޭގެ ތެރޭގައި ވެސް ގިނައީ ސޫދާނާއި އެރިތުރިއާގެ ރައްޔިތުންނެވެ.
"އަހަރެމެން އެންމެންނަކީ ވެސް ރެފިއުޖީން" އަދި "މިނިވަންކަމަށް އާއެކޭ، ޖަލުތަކަށް ނޫނެކޭ" ފަދަ ގޮވެލިތައް މުޒާހަރާގެ ބައިވެރީން ގޮވައިފައި ވެއެވެ.
އޭއެފްޕީއާ ވާހަކަ ދައްކަމުން، މުޒާހަރާގެ ބައިވެރިއަކު ބުނެފައި ވަނީ އިސްރާއީލުގެ ސަރުކާރުން އިންސާނީ ކަރާމާތްތެރިކަމާ އެއްގޮތަށް އެމީހުންނާ މުއާމަލާތު ކުރުން އެދޭ ކަމަށެވެ. "އަހަރެމެން މިތަނަށް މިއައީ ޚުދުމުޚުތާރު ވެރީންގެ ކިބައިން، ދާޚިލީ ހަނގުރާމަތަކުން، ނަސްލީ ގަތުލުއާއްމުތަކުން ސަލާމަތް އެދިގެން. އަހަރެމެންގެ ހާލަތު ރަނގަޅަށް ބަލައި، ހިމާޔަތަށް އެދި އަހަރެމެން ހުށަހަޅައިފައި ވާ ހުށަހެޅުން އަޑު އަހައި، އިންސާނުންނާ މުއާމަލާތު ކުރާން ޖެހޭ ގޮތަށް އަހަރެމެންނާ މުއާމަލާތު ކުރުމަކީ އިސްރާއީލުގެ ސަރުކާރުގެ ކިބައިން އަހަރެމެން އެދޭ ކަމަކީ." ފުރިހަމަ ނަން ހާމަ ނުކުރުން އެދެމުން، ވާހަކަ ދެއްކި މީހާ ބުނެފައި ވެއެވެ.
ހިމާޔަތަށް އެދި އެފްރިކާގެ 60000 އަށް ވުރެ ގިނަ މީހުން އިސްރާއީލަށް ގޮސް ތިބި ކަމަށް ރެކޯޑުތަކުން ދައްކައެވެ. އޭގެ ތެރޭގައި ވެސް ގިނައީ ސޫދާނާއި އެރިތުރިއާގެ ރައްޔިތުންނެވެ.
ދުނިޔޭގެ ލަދަށް ޓަކައި، ހިމާޔަތަށް އެދިގެން އަންނަ މީހުން ގައުމަށް ވަނަނުދީ ފޮނުވައިލެވެން ނޯންނާތީވެ އެފަދަ މީހުން އިސްރާއީލަށް އެތެރެ ވުމުގެ ފުރުސަތު ދިނަސް، އެތެރެ ވުމަށް ފަހު އެމީހުންނާ މެދު އިސްރާއީލުން އަމަލު ކުރަނީ ވަރަށް އިހާނާތްތެރިކޮށް ކަމަށް އިންސާނީ ހައްގުތަކަށް ޓަކައި މަސައްކަތް ކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އިސްރާއީލުގައި ހިމާޔަތް ހޯދާން ގޮސް ތިބި އެފްރިކާގެ ރައްޔިތުންނާ ދެކޮޅަށް ހަޑިހުތުރު ބަހުރުވައިން އެއްޗެހި ގޮވުމާއި، ނަސްލީ ގޮތުން ދިމާ ކޮށް ނިކަމެތި ކުރުމާއި، އެފްރިކާ ދަރިކޮޅުގެ އަންހެނުންނާއި ކުޑަކުދީންނަށް ފުޅި އާއި ގާ ފަދަ ތަކެތީން ހަމަލަ ދީ އަނިޔާ ކުރުމާއި، އެމީހުން ދިރިއުޅޭ ގެތަކަށް އަލިފާން ބޮން އުކުން ފަދަ ކަންކަން ވަނީ އާއްމު ވެފައެވެ. ހަރުކަށި ޔަހޫދީ ޖަމާއަތްތަކާއި ލީޑަރުން ގެންދަނީ ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް އެއްވުންތައް ބާއްވައި، ހަރަކާތްތައް ވެސް ހިންގަމުންނެވެ. މީގެ އިތުރުން، އިސްރާއީލުގެ އޮފިޝަލުން ވެސް އެފްރިކާ މީހުން ލާއިންސާނީ ހާލަތުގައި ހައްޔަރު ކޮށްފައި ބެއިތިއްބުމާއި، ނަފްސާނީ ގޮތުން ދިމާ ކުރުމާއި، ގަދަކަމުން އިސްރާއީލުން ބޭރު ކުރުން ފަދަ ކަންކަން ކުރަމުން ދާ ކަމަށް އިންސާނީ ހައްގުތަކަށް ޓަކައި މަސައްކަތް ކުރާ ފަރާތްތަކުން މައުލޫމާތު ދެއެވެ.
ހިމާޔަތަށް އެދިގެން އިސްރާއީލަށް އަންނަ ކޮންމެ މީހަކު ވެސް ބަންދުގައި އެތައް ދުވަހެއް ހޭދަ ކުރާން ޖެހެއެވެ. މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިހުން ފާސް ކުރި ގާނޫނެއްގެ ދަށުން، ހިމާޔަތަށް އެދިގެން އަންނަ ބިދޭސީން އެއްވެސް ޝަރްޢީ ނުވަތަ ގާނޫނީ އިޖުރާޢާތަކާ ނުލައި، ފުލުހުން ކަނޑައަޅާ ގޮތްތަކެއްގެ މަތީން، 1 އަހަރު ދުވަހުގެ މުއްދަތަށް ބަންދު ކޮށްފައި ބެއިތިއްބިދާނެއެވެ. އިސްރާއީލުން ވަނީ ދާދި ފަހުން، ނިގިވް ސަހަރާގައި، ހިމާޔަތަށް އެދިގެން އަންނަ ބިދޭސީން ބަންދުގައި ބައިތިއްބާ ޖަލެއް ވެސް އިމާރާތް ކޮށްފައެވެ.
1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ފަހުން، ހާލުގައި ޖެހިގެން އެހީތެރިކަން އެދި އެ ގައުމަށް އައި މީހުންގެ ތެރެއިން، ހިމާޔަތް ދީ ރެފިއުޖީ ހައިސިއްޔަތު މިހައިތަނަށް ދީފައި ވާ މީހުންގެ އަދަދު 200 އަށް ވެސް ނާރައެވެ.