ދަތް އުނގުޅެނީ ކިހާ ވަތުގަތަކުތޯއާ ދަތް އުނގުޅުމުގެ އެހެނިހެން ވެސް އާދަތައް ރެކޯޑުކޮށް ދައްކައިދޭ ބުރުހެއް ތައާރަފްކޮށްފި އެވެ.

އެމެރިކާގެ ލާސް ވޭގަސްގައި ކުރިއަށްދާ ބައިނަލްއަގުވާމީ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ 2014 ގައި މިދިޔަ އާދިއްތަ ދުވަހު ދައްކާލި މި ބުރުހަށް ކިޔަނީ ކޮލިބްރީ ސްމާޓް ޓޫތުބްރަޝް އެވެ. ރަނގަޅަށް ދަތް އުނގުޅުނުތޯ އާއި، އުނގުޅަން އުނދަގޫ ދޭތެރެތަށް އުގުޅިފައިވޭތޯ ވެސް ދައްކައިދޭ މި ބުރުސް ވިއްކަން ފަށާނީ މި އަހަރު ފަހުކޮޅު، ގާތްގަނޑަކަށް 100 ޑޮލަރާ 200 ޑޮލަރާ ދެމެދުގެ އަގެއްގައެވެ.

ކޮލިބްރީ ގައި ހަރުކޮށްފައިވާ ސެންސާ ތަކެއް ބޭނުންކޮށްގެން މިއަދު ދަތް އުނގުނުޅީ ކިހާ އިރަކުކަމާ، ދަތުގައި ބުރުސް ހޭކުނީ ކިތައް ފަހަރުކަން ވެސް މިބުރުހުން ދެނެގަނެއެވެ. އަދި މި މައުލޫމާތުތައް ބްލޫޓޫތު މެދުވެރިކޮށް ފޯނަށް ފޮނުވައިދެ އެވެ. ފޯނަށް މި މައުލޫމާތު ލިބެނީ އަޅާފައިވާ އެންޑްރޮއިޑް ނުވަތަ އައިއޯއެސް އެޕްލިކޭޝަނަކަށެވެ.

އެއްގެއެއްގައި މަންމައާއި ދަރިފުޅުމެން ކޮލިބްރީ ބުރުސް ބޭނުން ކުރާނަމަ ބައިވަރު ބުރުސް އެއް ފޯނަކާ ގުޅާލެވެއެވެ. އަދި ދަރިފުޅު މިއަދު ސްކޫލަށް ދިޔައީ ރަނގަޅަށް ދަތްއުނގުޅައިގެންތޯ ވެސް ބަލައިލެވެ އެވެ.

“ސިއްހަތާ މެދު ހޭލުންތެރިވާ ވަރަކަށް ވިސްނަންވީ ކަންކަން ވެސް ދެނެގަންނަން ފަސޭހަވާނެ. ދަތަށް ފަރުވާތެރިވެވޭނީ ވެސް މިހެން. ދަތްޕިލަ ބަލަހައްޓާ ގޮތަށް ބަދަލެއް ނާންނަތާ މިހާރު އެތައް އަހަރުތަކެއް ވެއްޖެ،” ކޮލިބްރީ އުފައްދި ފަރަންސޭސި ކުންފުންނީގެ ތަރުޖަމާނަކު ބުންޏެވެ.

ކޮލިބްރީ ތައާރަފް ވެގެންދިއުމުން އިންސާނުން ދަތް އުނގުޅާގޮތަށް ބަދަލުތަކެއް އައި އަހަރަކީ 2014 ވަނަ އަހަރުކަމުގައި ފާހަގަވެގެން ދިއުން ވެސް އެކަށީގެންވެ އެވެ.