06 Jan 2014, 14:11
ދަރިން ބެލުމުގައި އިހުމާލުވި ދެމަފިރިއެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހ. ރަންވިލާގޭ މަރިޔަމް އަލީ އާއި މއ. ވިނަރެސް ހުސައިން ޝިހާމްގެ މައްޗަށެވެ.
އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 2002 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 20 ވަނަ ދުވަހު މަރިޔަމް ވިހާފައިވާ އަންހެން ދަރިފުޅު ވިހެއިފަހުން އެ ކުއްޖާ ބެލެހެއްޓުމުގެ އެއްވެސް މަސްއޫލިއްޔަތެއް އޭނާ އުފުލާފައި ނުވާކަމަށެވެ.
ދައުވާގައި ބުނެފައި ވަނީ 2008 ވަނަ އަހަރުގެ ނުވަ ވަނަ ދުވަހު މަރިޔަމް ވިހެއި ފިރިހެން ދަރިފުޅު އޭނާ ބެލެހެއްޓި މުއްދަތުގެ ތެރޭގައި އަމިއްލަ އިހުމާލުން ދެ ފަހަރެއްގެމަތިން އެ ކުއްޖާ އެނދުން ވެއްޓިފައިވާ ކަމަށެވެ. އަދި މަރިޔަމް މަސްތުގެ ހާލަތުގައި ހުރި ވަގުތެއްގައި އޭނާގެ އުނގުގައި އެ ކުއްޖާ އޮއްވައި އުނގުން ވެއްޓިފައިވާއިރު އެކުއްޖާ ދޫކޮށް ރޭގަނޑުގެ ވަގުތުތަކުގައި އޭނާ ބޭރުގައި އުޅެފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.
ފިރިހެން ކުއްޖާ އަކީ ނޭވާލުމުގައި އުނދަގޫތަކެއް ހުންނަ ކުއްޖެއް ކަމަށްވާއިރު އެކުއްޖާ ކައިރީ މަރިޔަމް ދުންފަތުގެ އިސްތިއުމާލުކޮށް ހަދާ ކަމަށާއި އަދި އެކުއްޖާ ބަނޑުހައި ފިލުވައިދީ ސާފުތާހިރުކޮށްގެން ނުގެންގުޅޭ ކަމާއި އެކުއްޖާ ބެލެހެއްޓުމުގައި ފަރުވާ ކުޑަކޮށްފައިވާކަމަށް މަރިޔަމްގެ މަންމަ ބުނާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.
އެ ދެ މީހުން 2004 ވަނަ އަހަރު ކައިވެނިކޮށްގެން ލިބުނު އިތުރު ފިރިހެން ކުއްޖަކަށް ދެމަސް ވުމުން އެކުއްޖާ ބެލެހެއްޓުމުގެ އެއްވެސް މަސްއޫލިއްޔަތެއް އެ ދެމަފިރިން އުފުލާފައިނުވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ވަނީ ބުނެފަ އެވެ.
ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ދެމަފިރިންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.
ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޝަރުއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށެވެ.