06 Jan 2014, 14:08
އިނގިރޭސި އެފްއޭ ކަޕްގައި މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ސުވަންޒީ ސިޓީ އަތުން 1-2 އިން ބަލިވެ މުބާރާތުން ކެޓިއިރު ޗެމްޕިއަންޝިޕްގައި ކުޅޭ ޑާބީ އަތުން އެޓީމުގެ ދަނޑުގައި 2-0 އިން މޮޅުވެ ޗެލްސީ އެ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
އޯލްޑް ޓްރަފޮޑްގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓްގައި ސުވަންޒީގެ އިނގިރޭސި މިޑްފީލްޑަރު ވޭން ރޯޓްލެޖް ޖަހައިދިން ލަނޑު އެޓީމު ކުރި ހޯދާފައިވަނިކޮށް އޭގެ ހަތަރު މިނިޓު ފަހުން ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ މެކްސިކޯ ފޯވާޑް ހާވިއާ ހެނާންޑޭޒް އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 75 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ޑިފެންޑަރު ރިއޯ ފާޑިނަންޑަށް އަނިޔާ ވުމުގެ ސަބަބުން އޭނާ ބޭލުމަށް ފަހު ބަދަލުގައި ކުޅެން ނުކުތް ބްރެޒިލް ޑިފެންޑަރު ފަބިއޯ ކުޅެން އެރިތާ ފަސް މިނިޓުގެ ތެރޭގައި ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުން ޔުނައިޓެޑަށް މެޗުގެ ފަހުބައި ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ. ދެޓީމުގެ ކުޅުމަށް ބަލާފައި ރިޕްލޭ މެޗަކަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް ދެވަނަ ހާފްގެ އިތުރު ވަގުތުގައި ސުވަންޒީގެ އައިވަރީ ކޯސްޓް ފޯވަޑް ވިލްފްރެޑް ބޯނީ ވަނީ ލަނޑެއް ކާމިޔާބުކޮށް ޔުނައިޓެޑް ކަޓުވާލާފަ އެވެ.
މިއީ ޔުނައިޓެޑްގެ ދަނޑުގައި ސުވަންޒީއަށް މޮޅުވެވުނު ފުރަތަމަ ފަހަރެވެ. އަދި މި ސީޒަންގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ޔުނައިޓެޑް ބަލިވި ދެވަނަ މެޗެވެ. ޔުނައިޓެޑްގެ ކޯޗް ކަމުގައި ސާ އެލެކްސް ފާގަސަން ހުރި 26 އަހަރު ދުވަހު ތެރޭގައި އެފްއޭ ކަޕްގެ ތިންވަނަ ބުރުން އެޓީމު ކަޓާފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2010 ވަނަ އަހަރު ލީޑްސް ޔުނައިޓެޑް އަތުންނެވެ.
މުބާރާތުގެ ހަތަރު ވަނަ ބުރުގައި ސުވާންޒީ ކުރިމަތިލާން ޖެހޭނީ ބާމިންގްހަމް، ބްރިސްޓޮލް ރޯވާސް ނުވަތަ ކްރޯލީ ޓައުން އާއި ދެކޮޅަށެވެ.
ޑާބީގެ ދަނޑުގައި އެޓީމު އަތުން ޗެލްސީ 2-0 އިން މޮޅުވި މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި ޖަހައިދިނީ ނައިޖީރިއަން މިޑްފީލްޑަރު ޖޯން އޮބީ މިކޭލް އެވެ. އަދި ޗެލްސީގެ ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލް މިޑްފީލްޑަރު އޮސްކާ އެވެ.
މި ނަތީޖާއާ އެކު ޗެލްސީ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައިވާއިރު ހަތަރުވަނަ ބުރުގައި އެޓީމުގެ އަމިއްލަ ދަނޑުގައި ވާދަކުރަން ޖެހޭނީ ސްޓޯކް ސިޓީއާ ދެކޮޅަށެވެ.
ވޭތުވެދިޔަ 16 އަހަރު ދުވަހުގެ ތެރޭގައި އެފްއޭ ކަޕްގެ ތިންވަނަބުރު ފަހަނަޅައި ޗެލްސީ މުބާރާތުގައި ކުރިއަށް ގޮސްފައިވާއިރު އެޓީމު ތިންވަނަ ބުރުން ކަޓާފައިވަނީ 1998 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެގެންނެވެ.