06 Jan 2014, 13:21
ފަރަންސޭސިވިލާތުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު މރ. ޖޯން-ޕޯލް މޮންޗޯ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށް މިއަދު އަރުއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވުމަށް ފަހު، ފަރަންސޭސިވިލާތުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި އެ މަނިކުފާނަށް ތަހުނިޔާ ވިދާޅުވި ކަމަށެވެ. އަދި ރާއްޖެ އާއި ފަރަންސޭސިވިލާތާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، މރ. ޖޯން-ޕޯލް މޮންޗޯގެ ސަފީރުކަމުގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފަރަންސޭސިވިލާތަކީ ރާއްޖެއާ އަބަދުވެސް ވަރަށް ގާތްގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި ރާއްޖެ އަށް އެހީތެރިކަން ބޭނުންވާ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދެމުން އައިސްފައިވާ ޤައުމެއް ކަމުގައި ވިދާޅުވި އެވެ. ވަކިން ޚާއްޞަކޮށް 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން، ފަރަންސޭސިވިލާތުގެ ސަރުކާރުން ރާއްޖޭގައި ހިންގާފައިވާ އެކިއެކި ތަރައްގީގެ މަޝްރޫޢުތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.
ފަރަންސޭސިވިލާތާއި ދިވެހި ރާއްޖެއާ ދެ ގައުމުގެ ދޭތެރޭ އޮންނަ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ވެސް މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. މިގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމާއި އަދި ތިމާވެށީގެ ދާއިރާއިން ދެ ގައުމު ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވި އެވެ.
ފަރަންސޭސިވިލާތުގެ ސަފީރުގެ ވާހަކަފުޅުގައި ރާއްޖެ އަށް ބޭނުންވާ ކަންކަމުގައި އެ ގައުމުގެ ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދު ވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.