06 Jan 2014, 12:43
އެލެކްސިސް ސަންޗޭޒްގެ ހެޓްރިކާއެކު 4-0 އިން އެލްޗޭ ބަލިކޮށް ބާސެލޯނާ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލައފި އެވެ.
ސްޕެނިޝް ލަލީގާ ތާވަލުގެ އެއްވައިނައިގައި 49 ޕޮއިންޓާއެކު ބާސާ އޮތްއިރު ހަމަ އެއަދަދަށް ޕޮއިންޓް ހޯދު ނަމަވެސް ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑް އެވެ. މި ދެޓީމަށްވުރެ އެއް މެޗު މަދުން ކުޅެ 41 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑް އެވެ.
ސްޕެއިންގެ އެންމެ ވަރުގަދަ ފުޓްބޯޅަ ކުލަބް އެޓީމުގެ އަމިއްލަ ދަނޑުގައި އެލްޗޭއާ ދެކޮޅަށް ކުޅުނު މި މެޗުގައި ޓީމުގެ އެންމެ މުހިއްމު ފޯވާޑް ލިއޮނަލް މެސީ ނެތި ކުޅުނު ނަމަވެސް އެކަން މެޗުގެ ތެރޭގައި ފެނިގެން ގޮސްފައެއް ނުވެއެވެ. މެސީގެ ފަޔަށް ލިބުނު އަނިޔާއެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހުން ފެށިގެން ކުޅުމާ ދުރުގައި ހުރިއިރު އެމުއްދަތުގެ ތެރޭގައި ބާސާ ކުޅުނު އަށް މެޗުގެ ތެރެއިން ހަތްމެޗުން މޮޅުވަފައިވާ އިރު އެޓީމަށް ގެއްލުނީ އެންމެ މެޗެކެވެ.
މެޗުގެ ހަތްވަނަ މިނިޓުގައި ބާސާއަށް އެލްޗޭގެ ގޯލް ހުޅުވާލަ ދިނީ ސަންޗޭޒް އެވެ. އަދި ބާސާގެ ދެވަނަ ލަނޑު މެޗުގެ 16 ވަނަ މިނިޓުގައި ޕެޑްރޯ ކާމިޔާބުކޮށްދިން އިރު އެޓީމުގެ ތިންވަނަ ލަނޑު ސަންޗޭޒް ކާމިޔާބުކުރީ 63 ވަނަ މިނިޓުގަ އެވެ. އަދި އެލްޗޭގެ ޕެނަލްޓީ އޭރިޔާ ބޭރުން އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން 69 ވަނަ މިނިޓުގައި ސަންޗޭޒް ވަނީ އޭނާ މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.
މެޗުގެ ފަހުހާފުގެ ބޮޑުބައެއް ބާސާގެ ކޮންޓްރޯލްގެ ދަށުގައި ފެނިގެން ގޮސްފައިވާއިރު ޒަވީ ވަނީ 47 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެންލަޓީއެއް ބޭކާރު ކޮށްލާފަ އެވެ.
ސްޕެނިޝް ލީގު ތާވަލުގެ ކުރީގައި ބާސާ އާއި އެތުލެޓިކޯ އޮތްއިރު އަންނަ ހޮނިހިރު ދުވަހު ލީގުގައި މި ދެޓީމު ބައްދަލުކުރާ މެޗު ފޯރި ގަދަވާނެ އެވެ.