ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މާފުށީ ޖަލުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ބުނީ އިއްޔެ ހިންގި އެ އޮޕަރޭޝަންގައި ޖަލުގައި ތިބި ގައިދީންނާއި ގައިދީން ގެންގުޅޭ ސާމާނު ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 50 އެތިކޮޅާއި 22 ސެލޯފިން ކޮޅާއި ބްލެޓަކާއި ތެޔޮދަޅެއްގެ އިތުރުން މަސްތުވާތަކެތި ހޭކިފައިހުރި ފަސް ސެލޯފިންކޮޅު ހޯދާފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ އިތުރުން 15 ފޯނާއި މޯބައިލް ފޯނުގެ 17 ބެޓްރީ އާއި 26 ސިމް ކާޑާއި ތިން ޗާޖަރާއި ފަސް އެސްޑީ ކާޑުގެ އިތުރުން ވަޅިއެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށާއި އެތަކެއްޗާ މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ ޝަރީއަތުން ކަމަށެވެ.

ފުލުހުން ބުނީ ޖަލުން ބޭރުން އެކިއެކި ފަރާތްތަކަށް ގުޅައި ރާއްޖޭގައި ބައެއް ކަހަލަ މަޝްރޫއުތަކާއި ރައްޔިތުންނަށް ފައިދާ ހުރި ބައެއް ކަންކަން ކޮށްދޭނެކަމަށް ބުނެ ގައިދީން މީހުންގެ އަތުން ފައިސާ ހޯދަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެކި ފަރާތްތަކުގެ ނަމުގައި ފިހާރަތަކަށާއި އާއްމު ބައެއް ފަރާތްތަކަށް ގުޅައި ގައިދީން ބޭނުންކުރަމުންދާ ފޯނުތަކަށް ރީލޯޑް އަދި ރާސްޓަސް އަޅައި ހަދާކަމުގެ ޝަކުވާތައް ވެސް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅެމުންދާތީ މިކަންކަމަށް ރައްޔިތުން ސަމާލުވުމަށާއި މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބައެއް އަތޮޅުތަކުގައި ކައުންސިލްތަކާ ގުޅިގެން ރަށްރަށުގެ އަޑުގަދަކުރާތަކުން ރަށުތެރޭގައި ގޮވައި ރައްޔިތުން ހޭލުންތެރި ކުރުމުގެ ހަރަކާތެއް ހިންގާފައިވާ ކަމަށާއި ނަމަވެސް އަދިވެސް ރައްޔިތުންގެ ފަރާތުން މިކަމަށް އެންމެ އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭކަމަށް ވެސް ފުލުހުން ބުންޏެވެ.

"ވީމާ ގޮތް ނޭނގޭ ނަމްބަރުތަކުން ގުޅައި ބޮޑެތި އަދަދުތަކުން ފައިސާގެ މުއާމަލާތް ކުރުމަށް އެދުނުނަމަވެސް އެފަދަ ފުރުސަތުތައް ނުދިނުމަށާއި ފައިސާ ނުދެނީސް އެއްވެސް ފަރާތަކަށް ބޮޑެތި އަދަދުތަކުން ރީލޯޑްކޮށްދީ ރާސްޓަސް ފޮނުވައި ދިނުމުގެ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވަމެވެ،" ފުލުހުން ބުންޏެވެ.