އިޓަލީގެ އޭސީ މިލާނަށް ބަދަލުވުމަކީ ކުރަމުން އައި އިންތިޒާރެއްގެ ނިމުންކަމަށް ޖަޕާނުގެ މިޑްފީލްޑަރު ކެއިސޫކޭ ހޮންޑާ ބުނެފި އެވެ.

ރަޝިޔާގެ ކްލަބް ސީއެސްކޭއޭ މޮސްކޯ އިން އިޓަލީގެ އޭސީ މިލާނަށް ބަދަލުވި ހޮންޑާ މިލާނުގައި ހުރެ ގިނަ ކާމިޔާބީތަކެއް ހޯދުމަށް ބޭނުންވާ ކަމުގައި އޭނާ ވަނީ ބުނެފަ އެވެ.

"މިލާނުގައި ހުރެ ގިނަ ކާމިޔާބީތަކެއް ހޯދަން އަހަރެން ބޭނުން. މިއީ ބޮޑު ކްލަބެއް. މިލާނަށް ކާމިޔާބު ހޯދައިދޭން އަހަރެންނަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ހަގީގަތުގައި މިއީ އަހަރެން ކުރަމުން އައި ދިގު އިންތިޒާރީއެއްގެ ނިމުން." ހޮންޑާ ބުންޏެވެ.

މިލާންގެ ކުޅުންތެރިއެއްގެ ގޮތުގައި ހޮންޑާ ރަސްމީކޮށް ފެނިގެންދާނީ އަންނަ ބުދަ ދުވަހު އެވެ. މިލާން އާއެކު ހޮންޑާގެ ފުރަތަމަ މެޗަކަށް ވާނީ ޖެނުއަރީ މަހުގެ ބާރަވަނަ ދުވަހު ސެސުއޯލޯ އާއި ދެކޮޅަށް ކުޅޭ މެޗެވެ.

ނެދަލޭންޑްސްގެ ވީވީވީ ވެންލޯ އަށް ދެއަހަރު ކުޅުމަށްފަހު ރަޝިޔާގެ ކްލަބް ސީއެސްކޭއޭ މޮސްކޯ އާއި ހޮންޑާ ގުޅިފައިވަނީ 2010 ވަނަ އަހަރު އެވެ. 27 އަހަރުގެ ހުނަރުވެރި މިޑްފީލްޑަރު ވަނީ ޖަޕާނުގެ ގައުމީ ޓީމަށް ކުޅުނު 52 މެޗުގައި 20 ލަނޑު ޖަހާފައެވެ. އޭގެ ތެރެއިން ދެލަނޑަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ޖެހި ދެލަނޑެވެ. ހޮންޑާއަކީ 2011 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.