06 Jan 2014, 12:16
ޖަރުމަން ކްލަބް ބޮރޫސިއާ ޑޯޓްމަންޑަށްވުރެ އެއްވެސް ކުޅުންތެރިއަކު ބޮޑު ނޫން ކަމުގައި އެކްލަބުގެ ކޯޗް ޖާޖަން ކްލަޕް ބުނެފި އެވެ.
ކްލޮޕް މިހެން ބުނީ ޑޯޓްމަންޑް ދޫކޮށް އެކްލަބުގެ ޕޮލެންޑް ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އަންނަ ސީޒަނުގައި ވާދަވެރި ބަޔާން މިއުނިކާއި ގުޅުމަށް ނިންމުމާއި ގުޅިގެންނެވެ.
ބަޔާން އާއެކު ލެވަންޑޮސްކީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަން އެކްލަބުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އިޢުލާންކޮށްފަ އެވެ. ނަމަވެސް ކްލޮޕްގެ ވާހަކަތަކުން ލެވަންޑޮސްކީ ބަޔާން އާއި ގުޅުމުން ހާސްނުވާކަން ފާހަގަ ވެއެވެ.
"އެހެން ޓީމްތަކުން ކުޅުންތެރިން އަބަދުވެސް ގެނެވިދާނެ. ނަމަވެސް ބޮރޫސިއާ ޑޯޓްމުންޑަކީ ކުޅުންތެރިންނަށް ވުރެ ބޮޑު ކްލަބެއް. އޭގައި އަބަދުވެސް ހިމެނެނީ މުސްތަގްބަލަށް ކަންތައްތައް ރޭވުން. ލެވަންޑޮސްކީގެ ނިންމުން އަހަރެމެންނަށް ރަނގަޅު. އޭނާގެ އެނިންމުން އަހަރެމެންނަށް ކުރިން ވެސް އެނގޭ." ކްލޮޕް ބުންޏެވެ.
ބަޔާން އާއެކު ސީޒަންގެ މެދުތެރެއިން ލެވަންޑޮސްކީ ސޮއިކުރި ކަމުގައި ވިޔަސް ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށް ޑޯޓްމުންޑްގެ ސަޕޯޓަރުންނާއި މުހާތަބްކޮށް ލެވަންޑޮސްކީ ބުނެފައި ވެއެވެ.
"މީގެ އަހަރެއްހާ ދުވަސް ކުރިން އަހަރެން ބޭނުންވާ ކަންތައްތަކެއް ހުރި. އަހަރެން އިތުރަށް ބޭނުންވާ ކާމިޔާބީތަކެއް ހުރި. ސަޕޯޓަރުން އަހަރެންނަށް ހިތްވަރުދޭނެކަމަށް އުންމީދުކުރަން. އަހަރެންގެ ނިންމުމާއިމެދު ބައެއް މީހުން ހިތްހަމަނުޖެހޭނެކަން އެނގޭ. ކުރިއަށް އޮތް ދުވަސްކޮޅު ތެރޭގައި ކްލަބަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަން." ލެވަންޑޮސްކީ ބުންޏެވެ.
އުމުރުން 25 އަހަރުގެ ފޯވާޑް ލެވަންޑޮސްކީ ވަނީ މިސީޒަންގައި ޖަރުމަން ބުންޑަސްލީގާގައި އޭނާ ކުޅުނު 17 މެޗުން 11 ލަނޑު ކާމިޔާބުކޮށްފަ އެވެ. ބަޔާން އިން ލެވަންޑޮސްކީގެ ސޮއި ހޯދާފައިވާއިރު، މިދިޔަ ސީޒަންގައި ޑޯޓްމުންޑަށް އެންމެ ރަނގަޅަށް ކުޅުނު މާރިއޯ ގޮޓްޒޭ ވެސް ވަނީ ބަޔާން އަށް ގެންގޮސްފަ އެވެ.