12 Dec 2010, 08:01
މިއަދުގެ ސަރުކާރުގެ ތަފާތު ކުރުމުގެ ކަންތައްތަކުގެ ސިޔާސަތުތައް އިންތިހާއަށް ގޮސްފައިވާ ކަމަށް އިދިކޮޅު ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހާލަތު ބެއްލެވުމަށް ބައެއް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ށ. ފުނަދޫގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ތިބި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު މިއަދު އޮތް ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ޙާއްސަ ގޮތެއްގައި މިއަދުގެ ސަރުކާރުން ގެންގުޅޭ ތަފާތު ކުރުންތަކުގެ ސަބަބުން އެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލާތު އެއްދުވަހުން އަނެއް ދުވަހަށް ދަށަށްދާ ކަމަށެވެ.
"މިއަދު ގައުމުގެ ހާލަތު އޮތް ގޮތް އެންމެންނަށް ވެސް އެބަ އެނގޭ. ހާއްސަ ގޮތެއްގައި ފުނަދޫގައި ދިރުއުޅޭ ހުރިހާ ރައްޔިތުންނަށް މިއަދުގެ ސަރުކާރުގެ ކަންތައްތައް ވަރަށް ރަނގަޅަށް އެނގޭނެ. އަދި އެ ހާލަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ ގިނަ ރައްޔިތުންގެ ވެސް ހާލަތު،" ތަސްމީން ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަސްކަން ފާހަގަކުރައްވައި ތަސްމީން ވިދާޅުވީ އަޅުގަނޑުމެން އަމަލުކުރަމުން އަންނަ ޤާނޫނު އަސާސީއަކީ ދުނިޔެ ގަބޫލުކުރާ މިންވަރަށް އިންސާނީ ހައްގުތަކުގެ ބައިތައް ހިމަނާފައިވާ ޤާނޫނު އަސާސީއެއް ކަމަށެވެ. އެ ޤާނޫނު އަސާސީގައި އެއްވެސް ސިޔާސީ ފިކުރަކަށް އެއްވެސް ސިޔާސީ ވިސްނުމަކަށް ބަލައިގެން އެއްވެސް މީހަކާ ދޭތެރޭގައި އަދި އެއްވެސް ބަޔަކާ ދޭތެރޭގައި ތާފާތުކޮށްގެން ނުވާނެ ކަން ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޤާނޫނު އަސާސީގައި ވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް އަސާސީ ހައްގުތައް ލިބިދޭން ޖެހޭ ކަމަށް ބުނެފައިވޭ. ނަމަވެސް ހަޤީޤަތަކީ މިއަދުގެ ސަރުކާރުގެ ތަފާތުކުރުމުގެ ކަންތައްތައް އިންތިހާއަށް ގޮސްފައިވާކަން. ކޮންމެ ފެންވަރެއްގައި ބައިލައިލި ނަމަވެސް، ފަރުދުންގެ ފެންވަރުގައި ބަލައިލި ނަމަވެސް އެމީހަކީ ވަކި ޕާޓީއެއްގެ މީހެއް ނަމަ އެމީހަކު ވަޒީފާ އިން ކަނޑާލުމުގެ ކަންތައްތައް ކުރަމުންދަނީ. ދައުލަތުގެ ހިދުމަތްތައް ދިނުމުގައި ވެސް ސިޔާސީ ކުލައަށް މިވަނީ ބުރަވެފައި. އަދި މިއީ ހަމައެކަނި ވަކިވަކި ފަރުދުންނަށް ދިމާވެފައިވާ ކަމެއް ނޫން. މިއީ އެކިއެކި ރަށްރަށަށް ވެސް ދިމާވެފައިވާ ކަމެއް." ތަސްމީން ވިދާޅުވި އެވެ.
ފުނަދޫގައި ރޭ ބޭއްވި ޖަލްސާގައި ތަސްމީން ދެއްކެވި ވާހަކަފުޅުގައި އެ ރަށުގެ ރައްޔިތުންނަށް މިއަދުގެ ސަރުކާރުން ކުރިމަތިކުރުވާފައިވާ އަނިޔާ އާއި ހިތާމައަކީ ދާއިމީ ހިތާމައަކަށް، ދާއިމީ އަނިޔާއަކަށް ޑީއާރުޕީން ވިޔަ ނުދޭނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި އެކަން ކަމަށް ހައްލެއް ހޯދުމުގެ ގޮތުން އަތޮޅުވެރިކަން ކުރާ ރަށްރަށް ކަނޑައެޅުމުގެ ބިލެއް ވެސް މަޖިލީހުން ފާސްކުރުމަށް ފަހު ތަސްދީގު ކުރުމަށްޓަކައި ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް އެ ބިލް ތަސްދީގުނުކޮށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ތަސްމީން ވިދާޅުވި އެވެ.
މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމާ ބެހޭ ބިލް ތަސްދީގު ކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުމުގައި ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކުރުމަށް ފަހު ފޮނުއްވާ ބިލެއް ތަސްދީގު ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކަމެއް ކަން ކަނޑައަޅައިފައި ވުމަކީ ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް ކަން ފާހަގަކުރައްވާ ތަސްމީން ވިދާޅުވީ އިރާދަކުރެއްވިއްޔާ އަތޮޅުވެރިކަން ކުރާ ރަށްރަށް ކަނޑައެޅުމުގެ ބިލް މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ޑީއާރުޕީން ކުރާނެ ކަމަށެވެ.