06 Jan 2014, 12:02
ހަނގުރާމައިގެ ހާލަތެއްގައި އޮތް ސީރިއާއަށް ކުރިމަތިވެފައިވާ ފިނިމޫސުމުގެ ސަބަބުން ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ކ.ގާފަރުގައި ޚާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.
ގާފަރުގައި އިއްޔެ ހަވީރު އާންމުންގެ ބަޔަކު ފެށި ކެމްޕެއިން ކުރިއަށް ގެންދަނީ "ހެލްޕް ސީރިޔާ ތްރޫ ދަ ވިންޓާ" ގެ ނަމުގަ އެވެ. އެ ހަރަކާތް ކުރިއަށް ގެންދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ކެމްޕޭނުގައި ރާއްޖޭއިން އިސްކޮން ހަރަކާތްތެރިވާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "އެހީ" ޖަމްއިއްޔާ އާ ގުޅިގެނެވެ.
ސަންއާ ވާހަކަ ދައްކަމުން އެ ހަރަކާތުގައި އިސްކޮން އުޅޭ ފަރާތެއް ކަމަށްވާ ރިޒްމީން ނައީމް ބުނީ ހާލުގައި ޖެހިފައިވާ ސީރިއާގެ ރައްޔިތުން ފައިސާގެ އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެކަމަށްޓަކައި ފަންޑު ފޮއްޓެއް ބަހައްޓާފައިވާ ކަމަށް އޭނާ ބުންޏެވެ.
ސީރިއާގެ ރައްޔިތުންނަށް އެހީތެރިވުމާއި ގުޅޭ ގޮތުން ރާއްޖޭގެ ދީނީ އިލްމްވެރިން ދެއްވާފައިވާ ދަރުސްތައް އާންމުކޮށް ފެންނާނެހެން ރޭ ގާފަރުގައި ވަނީ ބޮޑު ސްކްރީންގައި އަޅުވާފަ އެވެ. އޭގެ ބޭނުމަމީ ސީރިޔާގެ ރައްޔިތުންގެ ހާލަތު ރައްތިތުންނަށް އޮޅުންފިލުވައި ދިނުން ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ މިއަދުގެ ވަގުތެއްގައި އިތުރު ފަންޑު ފޮއްޓެއް ބެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
ހެލްޕް ސީރިޔާ ތްރޫ ދަ ވިންޓާގެ ނަމުގައި ދުނިޔޭގެ އަމިއްލަ ޖަމިއްޔާއަކުން ކުރިއަށް ގެންދާ ޕްރުގުރާމުގައި ރާއްޖޭގެ "އެހީ" ޖަމްއިއްޔާ މެދުވެރިކޮށް ސީރިއާއަށް އެހީވުމުގެ ފުރުސަތު ހުރިފާ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ.
ސީރިޔާގެ ރައްޔިތުންނަށް އެހީތެރިވުމުގެގޮތުން "އެހީ" ޖަމިއްޔާ އިން ހިންގާ މިހަރަކާތަކީ ފިނިމޫސުމުގައި ރެފިއުޖީ ކޭމްޕަތަކުގައާއި ސޫރިޔާގައި ދިރިއުޅެމުންދާ ރައްޔަތުންނަށް އެހީތެރިވުމުގެ ގޮތުން ހިންގާ ބަޑު ކެމްޕޭން ހަރަކާތެއް ކަމަށް އެ ޖަމްއިއްޔާ އިން ވަނީ ބުނެފަ އެވެ.