06 Jan 2014, 11:25
ޗައިނާއާ އޮންނަ ގުޅުން ގާތް ނަމަވެސް، އިންޑިއާ އަކީ އަބަދުވެސް ރާއްޖެ އަށް މާ "މުހިއްމު" ގުޅުންތަކެއް އޮންނަ ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިންޑިއާގައި ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި ބަސްދީގަތުމެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޗައިނާއާއި ރާއްޖޭގެ ގުޅުން ބަދަހިވަމުން އަންނަ ކަމަށެވެ.
ނަމަވެސް އެއީ އޭގެ ސަބަބުން އިންޑިއާއާ އެކު އޮންނަ ގުޅުން ކުޑަވެގެންދާނެ ކަމެއް ނޫން ކަމަށާއި އިންޑިއާއާ އެކު އޮންނަނީ އެއަށް ވުރެ ހާއްސަ ގުޅުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަލާމަތީ މައްސަލަތައް ކަމަށާއި މިކަމުގައި ރާއްޖެއިން އަބަދުވެސް އިންޑިއާއަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
"އިންޑިއާގެ ބޮޑު ކަންބޮޑުވުމަކީ މިސަރަހައްދުގެ ސަލާމަތީ (ސެކިއުރިޓީ) ގެ މައްސަލަ. މިމައްސަލާގައި ދިވެހިންގެ ވިސްނުން އިންޑިއާގެ ވިސްނުމާ ތަފާތެއް ނޫން. އެއީ އެހެންވީމަ ދައްކަން އުދަނގޫ ވާހަކައެއް ނޫން. އެކަމުގައި ވަނީ އެއްބަސްވުންތަކެއް ވެވިފައި. އަދި މިސަރަހައްދުގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާއި ކަނޑުފޭރޭ މީހުންގެ ނުރައްކަލުގެ މައްސަލާގައި ދެގައުމުން ވާނީ ހިޔާލު ބަދަލުކޮށްފައި" ރައީސް ޔާމީން ވިދާޅުވި އެވެ.
އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ގުޅުން ބަދަހިވުމުގެ ސަބަބުން އެކަމާ ކަންބޮޑުވާކަމަށް ބުނަމުން އަންނަ ގައުމެކެވެ. އާބާދީގެ ގޮތުން ދުނިޔޭގެ އެންމެ ބިޔަ ދެގައުމު ކަމަށްވާ އިންޑިއާ އަދި ޗައިނާގެ ވާދަވެރިކަން އިތުރުވެފައި ވަނީ އޭޝިއާ ބައްރު ކޮންޓްރޯލްކުރުމަށް ދެފަރާތުން ވެސް މަސައްކަތްކުރަމުން އަންނާތީވެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.