ރޭ ދަންވަރުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާގެ ޖިއްދާގެ މުޝްރެފާ ސަރަހައްދަށް އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ވެއްޓިފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެފި އެވެ.

މުޝްރެފާގެ މަގުމައްޗަށް މީހެއްގެ ހަށިގަނޑުގެ ބައެއް ވެއްޓުނު މަންޒަރު ދުށް ފަރާތްތަކުން ބުނީ ހަށިގަނޑުގެ ބައިތައް ވެއްޓުނީ މަތިން އުޑުން ކަމަށެވެ.

އޭބީސީ ނިއުސްއިން ސައުދީ އަރަބިއްޔާގެ ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ ވެއްޓުނު މީހާއަކީ މަތިންދާބޯޓަކުން ވެއްޓުނު މީހެއް ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ މީހާއަކީ މަތިންދާބޯޓު ނައްޓާލި ގަޑީގައި ބޯޓުގެ ލޭންޑިންގް ގިއަރާ އެކު ތާށިވެފައި އޮތުމަށް ފަހު، ލޭންޑިންގް ގިއަރު ތިރިކޮށްލުމުން ވެއްޓުނު މީހެއް ކަމަށް ލަފާކުރެވޭ ކަމަށް ސައުދީގެ ފުލުހުން ބުނެ އެވެ.

މުޝްރެފާގެ މަގެއްގެ މައްޗަށް މީހެގެ ހަށިގަނޑުގެ ބައިތަކެއް ވެއްޓިގެން ރިޕޯޓްކޮށްފައި ވަނީ ދަންވަރު ކަމަށް ފުލުހުން ބުނެ އެވެ.

އޭގެ ފަހުން ވެއްޓުނު ހަށިގަނޑުގެ ފޮޓޯތައް ސައުދީގެ ސޯޝަލް މީޑިއާ ސައިޓްތަކުގައި ވަނީ އާއްމުވެފަ އެވެ.

ސައުދީ ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވާ ކަމަށް ބެލެވެނީ އިރާންގެ މަޝްދާދުން ނައްޓާލައިގެން 315 ޕަސިންޖަރުންނާ އެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ކުއްލި ހާލަތުގައި މަދީނާ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށެވެ.