ނިޔުޔޯކް (ޖަނަވަރީ 6): އެމެރިކާގެ ބައެއް ސަރަޙައްދުތަކަށް މިދުވަސްވަރު ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ފިންޏާއި ސްނޯގެ ތޫފާންތަކުގެ ސަބަބުން ނިޔުޔޯކްގެ އެންމެ ބޮޑު އެއަރޕޯޓް ކަމަށްވާ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއަޕޯޓަށް ޖައްސަން އުޅުނު މަތިންދާބޯޓެއް ރަންވޭން ކައްސާލުމާ އެކު އެ އެއަރޕޯޓް ވަގުތީގޮތުން ބަންދުކުރުމަށް ފަހު ދެގަޑިއެއްހާ އިރުތެރޭގައި އަލުން ހުޅުވައިފި އެވެ.

އެމެރިކާގެ އެއަރޕޯޓްތަކާ ބެހޭ ދާއިރާތަކުން ބުނީ މަތިންދާބޯޓު ރަންވޭން ކައްސާލީ ރަންވޭއަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ކަމަށާއި އެ ޙާދިސާގައި އެބޯޓަށް ވެސް އަދި މީހަކަށް ވެސް ގެއްލުމެއް ނުލިބޭކަމުގަ އެވެ. އެމެރިކާގެ ބައެއް ސަރަޙައްދުތަކަށް މިދުވަސްވަރު ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ފިންޏާއި ސްނޯގެ ތޫފާންތަކުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން މިހާތަނަށް 16 ވަނީ މަރުވެފަ އެވެ.

އެމެރިކާގެ މޫސުމާ ބެހޭ އިދާރާ ބުނާ ގޮތުން އާދަޔާ ޚިލާފު ފިންޏާއި ސްނޯގެ މި ތޫފާންތަކަކީ ފިނި މޫސުމާ ގުޅިފައިވާ ތޫފާންތަކެކެވެ. ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގައި ވެސް އެމެރިކާގެ އިރު އުތުރުގެ ސަރަހައްދުތަކުގައި އާދަޔާ ޚިލާފަށް ފިނި ގަދަވެ ރެކޯޑް މިންވަރަކަށް ފިނިހޫނުމިން ދަށަށް ދާނެކަމަށް އެގައުމުގެ މޫސުމާ ބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.

އެމެރިކާގެ އިތުރުން ކެނެޑާއަށް ވެސް ވަނީ ގަދަ ފިންޏާއި ސްނޯގެ ތޫފާންތަކާ ކުރިމަތިލާންޖެހިފަ އެވެ. އެމެރިކާގެ އިރު އުތުރުގެ ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ ގަދަ ފިންޏާއި ސްނޯގެ ތޫފާންތަކުގެ ސަބަބުން 5000 ފްލައިޓްގެ ދަތުރުތައް މިހާތަނަށް ވަނީ ކެންސަލްކޮށްފަ އެވެ. (ނޫސްއެޖެންސީތައް)