06 Jan 2014, 10:27
ޑާކާ (ޖަނަވަރީ 6): އިއްޔެ ބަންގްލަދޭޝްގައިބޭއްވި އާއްމު އިންތިޚާބު ބާތިލުކުރުމަށް އެގައުމުގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ "ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ" (ބީއެންޕީ) ން ގޮވާލައިފި އެވެ.
އެ ޕާޓީގެ ޒަޢީމާ އަދި ކުރީގެ ބޮޑުވަޒީރާ ޚާލިދާ ޒިޔާ ގެ މުސްތަޝާރު ޢުޘްމާން ފާރޫގް ވިދާޅުވީ ބަންގްލަދޭޝްގެ ސަރުކާރުން އިއްޔެގެ އިންތިޚާބު އުވާލައި އަލުން އިންތިޚާބެއް ބާއްވަންޖެހޭނެ ކަމަށާ އިންތިޚާބު އުވާނުލާ ނަމަ ވަރުގަދަ ހަޅުތާލަކަށް ދާނެކަމުގަ އެވެ. އަލުން އިންތިޚާބެއް ބޭއްވުމަށް ޓަކައި މިހާރުގެ ސަރުކާރު އިސްތިއުފާދީ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ވެސް އިދިކޮޅު ބީއެންޕީ ގޮވާލި އެވެ. ބަންގްލަދޭޝްގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގެ އުވާލުމަށް އެގައުމުގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ބީއެންޕީ ން ގޮވާލާފައި މިވަނީ އެ ޕާޓީން އެއިންތިޚާބުގައި ބައިވެރި ނުވެ އިންތިޚާބު ބޮއިކަޓް ކުރުމަށްފަހުގަ އެވެ.
އިއްޔެ އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދިޔައިރު، އިދިކޮޅު ފަރާތްތަކުން ކުރި އިހްތިޖާޖްތަކުގައި 18 މީހުން މަރުވެފައިވާ އިރު އެ އިންތިޚާބުގައި ރައްޔިތުންގެ ގިނަ ބަޔަކު ބައިވެރިވެފައި ނުވާކަމަށް ޚަބަރުތައް ބުނެ އެވެ. ބަންގްލަދޭޝްގެ އެންމެ ބޮޑު އިދިކޮޅު ލީޑަރު ކަމަށްވާ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ "ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ" (ބީއެންޕީ) އިންތިޚާބުގެކުރިން ތަކުރާރުކޮށް ބުނަމުން ގެންދިޔައީ މިހާރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރު އިސްތިއުފާދީ ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުންނޫނީ އިންތިޚާބެއް ބާއްވައިގެން ނުވާނެ ކަމުގަ އެވެ. އެކަމަށް ޓަކައި އެޕާޓީގެ ސަޕޯޓަރުންވަނީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މުޒާހަރާތަކާއި އިހްތިޖާޖްތައް ވެސް ކުރިޔަށް ގެންގޮސްފަ އެވެ.
ނަމަވެސް އެކަމަށް ރައްދު ދިނުމުގެ ގޮތުން ބަންގްލަދޭޝްގެ ވެރިކަންކުރާ ޝައިޚް ޙަސީނާގެ އަވާމީ ލީގު ޕާޓީން ބުނަމުންގެންދިޔައީ ކޮންމެ ފަހަރަކު އާންމު އިންތިޚާބު ބޭއްވުމަށް ޓަކައި ވަގުތީ ސަރުކާރެއް އެކުލަވާލަން ނުޖެހޭނެ ކަމަށާ އެއީ ބަންގްލަދޭޝްގެ ދަސްތޫރުގައި ވެސް އޮންނަ ގޮތްނޫން ކަމުގަ އެވެ. އިއްޔެ ބޭއްވި އިންތިޚާބު އިދިކޮޅު ބީއެންޕީ ން ބޮއިކޮޓް ކޮށްފައިވާ އިރު، 300 ގޮނޑި ހިމެނޭ ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ގޮނޑިޔަށް ކުރިމަތިލައިގެން ވާދަކޮށްފައި ވަނީ ވެރިކަން ކުރާ އަވާމީ ލީގުންނެވެ. މިގޮނޑިތައް އަވާމީ ލީގުން ކާމިޔާބުކޮށްގެން އަލުން ބޮޑުވަޒީރުކަމާ ޙަވާލުވެ ވަޑައިގަންނަ ވާނީ މިހާރުގެ ވެސް ބޮޑުވަޒީރާ ޝައިޚް ހަސީނާ ކަމަށް ވަނީ ބެލެވިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިދިކޮޅު ބީއެންޕީ އާއި އެޕާޓީގެ ސަޕޯޓަރުން ތިބީ މިމައްސަލާގައި ދޫދޭގޮތަކަށްނޫނެވެ. އެޕާޓީން ވަނީ އިންތިޚާބާ ދެކޮޅު ހެދުމުގެ ގޮތުން މިއަދު އާންމު ހަޅުތާލެއް ކުރިޔަށްގެންދިޔުމަށް ވެސް ގޮވާލާފަ އެވެ. އެހެންކަމުން އިންތިޚާބު އުވާލައި ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުން އަލުން އިންތިޚާބު ނުބާއްވައިފި ނަމަ ބަންގްލަދޭޝްގައި ވަރުގަދަ ހަމަނުޖެހުންތަކެއް އުފެދި ލޭއޮހޮރުވުންތަކެއް ހިނގުމަކީ ގާތްކަމެއް ކަމަށް އެގައުމުގެ މަސްރަޙު ދިރާސާކުރަ ފަރާތްތަކާ ޙަވާލާދީ ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)