ނަޞާރާއިންގެ ދީނީ ފޮތް ކަމަށްވާ "ބައިބްލް" ނުވަތަ "އިންޖީލް"ގައި ކަލާންގެ ނަންފުޅެއްގެ ގޮތުގައި "ﷲ" ބޭނުން ކޮށްފައިވާ އެތައް ސަތޭކަ ފޮތްތަކެއް މެލޭޝިއާގެ އިސްލާމިކް އޮތޯރިޓީތަކުން ހިފަހައްޓައި، އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މެލޭޝިޔާގެ ކޯޓަކުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ، އިސްލާމް ދީން ނޫން އެހެން ދީންތަކުގެ ދީނީ ފޮތްތަކުގައި ކަލާންގެ ނަންފުޅު މެލޭ ބަހުންލިޔާ އިރު "ﷲ" ބޭނުން ކުރުން މަނާކޮށްފަ އެވެ. އެ ގޮތަށް ކޯޓުން ހުކުމް އިއްވުމުން ބައިބޯ އިސްލާމީ މުޖްތަމައުގެ ރައްޔިތުން އުފާފާޅުކުރި ނަމަވެސް، ތަފާތު ދީންތަކަށް އަޅުކަންކުރުމުގެ ފުރުސަތު އޮންނަ މެލޭގެ ބައިމަދު ކްރިސްޓިއަނުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އަޑުއުފުލައިފަ އެވެ.

ކޯޓުގެ ހުކުމަށް ފަހު، މެލޭގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެފައި ވަނީ، އެ ހުކުމުގެ ސަބަބުން އެހެން ދީންތަކުގެ މީހުންނަށް އަޅުކަންކުރުމުގައި އެއްވެސް އުނދަގުލަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.

ބައިބްލް ސޮސައިޓީ އޮފް މެލޭޝިއާގެ ޕްރެޒިޑެންޓް ލީ މިން ޗޫން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު، ސެންޓްރަލް ސެލަންގޯ ސްޓޭޓްގައި އިންޖީލު އަޅާފައި ހުރި 16 ފޮށިގަނޑެއް ހިފަހައްޓާފައިވާ ކަމަށާއި އޭގެ ތެރޭގައި 300 އަށްވުރެ ގިނަ ފޮތް ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މެލޭޝިއާގައި "އެހެން ދީންތަކުގެ މީހުން ކަލާންގެ ނަންފުޅުގެ ގޮތުގައި ﷲ ބޭނުންކުރުން މަނާކުރާ ގާނޫނުގެ ދަށުން" އިންޖީލު ފޮތްތަކާ އެކު ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި އޭނާއާއި އަދި އިތުރު ބައިވެރިއަކު ހިމެނޭ ކަމަށެވެ.

މެލޭޝިއާގައި މުސްލިމުން ނޫން އެހެން ދީންތަކުގެ މީހުން އެބައިމީހުންގެ ކަލާނގެ ނަންފުޅުގެ ގޮތުގައި "ﷲ" ބޭނުން ކުރުން މަނާކުރީ، 2009 ވަނަ އަހަރު އެގައުމުގައި ނެރުނު ނަސޯރާއިންގެ ނޫހެއް ކަމަށްވާ "ހެރަލްޑް"ގައި އެބައިމީހުންގެ ކަލާނގެ ނަންފުޅުގެ ގޮތުގައި "ﷲ" ބޭނުންކުރަން އުޅުމުން އިސްލާމީ ޖަމާއަތްތަކުން އެކަން ހުއްޓުވުމަށް ހޯމް މިނިސްޓްރީގައި އެދުމުންނެވެ.

ކަމާބެހޭ ދާއިރާތަކުން ބުނެފައި ވަނީ، އެހެން ދީންތަކުގެ މީހުން އެބައިމީހުންގެ ކަލާނގެ ނަންފުޅަކަށް "ﷲ" ބޭނުން ކުރުމުން އިސްލާމް ދީނަށް އަލަށް ވަންނަން އެދޭމީހުންނަށާއި އަދި އެހެނިހެން މީސްތަކުންނަށް ވެސް ބޮޑެތި އޮޅުންތަކެއް އަރާނޭ ކަމަށެވެ.

ނަސޯރާއިން ވަނީ ކޯޓުގެ އެ ހުކުމުގެ ސަބަބުން ގާނޫނީ ގޮތުން ލިބިފައިވާ އެބައިމީހުންގެ ދީނީ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށްބުނެ ހުކުމް ބާތިލްކުރުމަށް ކޯޓުގައި އެދިފަ އެވެ. ދަށު ކޯޓުން ކްރިސްޓިއަނުން އެދުނުގޮތަށް އެ ހުކުމް ހިފެހެއްޓުމަށް ނިންމި ނަމަވެސް މަތީކޯޓުން ފަހުން ހުކުމް ކޮށްފައި ވަނީ، ކުރިން ވެސް އޮތްގޮތަށް އެހެން ދީންތަކުގެ މީހުން އެބައި މީހުންގެ ކަލާނގެ ނަންފުޅުގެ ގޮތުގައި ﷲ ބޭނުންކުރުމަކީ މަނާކަމެއްގެ ގޮތުގައި ބޭއްވުމަށެވެ.

މުސްލިމުންގެ އަޣުލަބިއްޔަތެއް އޮންނަ މެލޭޝިޔާގެ އާބާދީގައި 28 މިލިޔަން މީހުން އެކުލެވޭ އިރު އެގައުމުގައި މުސްލިމް އާބާދީގެ ނިސްބަތަކީ 60 ޕަސެންޓެވެ. އަދި ނަޞާރާ އިން ނުވަތަ ކްރިސްޓިއަނުންގެ ނިސްބަތަކީ ނުވަ ޕަސެންޓެވެ.