06 Jan 2014, 10:14
ޓީވީއެމް ހިންގުމާ އެންމެ އިސްކޮށް ހަވާލުވެވަޑައިގެން ހުންނެވި ޑިރެކްޓަރު އިބްރާހީމް ރަޝީދު (އިއްބެ) މަގާމުން ޑީމޯޓްކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އިއްބެ މިއަދު ވިދާޅުވީ ޓީވީއެމްގެ ޑިރެކްޓަރު ކަމުގެ މަގާމުން ޓްރެއިނިން ޑިޕާޓްމަންޓުގެ މެނޭޖަރު ކަމަށް ޑީމޯޓް ކޮށްފައި ވަނީ އިއްޔެ ކަމަށެވެ.
"ޓީވީއެމްގެ ޓްރެއިނިން ޑިޕާޓްމަންޓުގެ މެނޭޖަރަކަށް އަޅުގަނޑު ޑީމޯޓް ކުރީ އިއްޔެ. އެއީ ބޯޑުން ފާސްކުރައްވައިގެން ނިންމެވި ނިންމެވުމެއް،" އިއްބެ ވިދާޅުވި އެވެ.
ޓީވީއެމްގައި ޚިދުމަތްކުރާތާ ގާތްގަނޑަކަށް 22 އަހަރު ވެފައިވާ އިއްބެ ވިދާޅުވީ ކުރިން ހުރި މަގާމުން ޑީމޯޓް ކުރުމަކީ ކުރިމަތިވި އިތުރު ޗެލެންޖެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޓީވީއެމްގެ ޑިރެކްޓަރު ކަމުގެ މަގާމުން ޓްރެއިނިން ޑިޕާޓްމަންޓުގެ މެނޭޖަރު ކަމުގެ މަގާމަށް އިއްބެ ޑީމޯޓް ކޮށްފައިވާ އިރު އޭނާ ވަނީ އަހަރު ވަންދެން އެ މަގާމުގައި ދެމިހުންނަވާފަ އެވެ.
އެމްބީސީގެ ސްޕޯކްސްޕާސަން އަބްދުﷲ ރަމީޒު މިއަދު ސަން އަށް ވިދާޅުވީ އިއްބެ ޑީމޯޓް ކޮށްފައި ވަނީ އެޑިޓޯރިއަލް ކަމެއްގައި އެމްބީސީން ނިންމި މުހިންމު ނިންމުމަކާ ދެކޮޅަށް ތަނުގެ އަގު ވެއްޓޭ ގޮތަށް ސޯޝަލް މީޑިއާގައި ފާޑު ވިދާޅުވެފައި ވާތީ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އިއްބެ ޑިމޯޓްކޮށްފައި ވަނީ އަންދަލުސު ދަރުސު އެއީ ސިޔާސީ ގޮތުން ޓީވީއެމް އިން ދެއްކި ދަރުސެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާތީ އާއި އެ ނޫނަސް ޓީވީގެ އިސް ވެރިޔަކަށް ހުންނަވައިގެން ސޯޝަލް މީޑިއާގައި ޓީވީއެމްގެ ގައިޑްލައިނާ އެއްގޮތަށް ނިންމާ ނިންމުންތަކަށް ފާޑުވިދާޅުވެފައިވާތީ އެވެ.