ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މެނޭޖަރަކަށް ގާނޫނީ ވަކީލު އިސްމާއީލް ވިޝާމް މިރޭ ހަމަޖައްސައިފި އެވެ.

އެފްއޭއެމް ހައުސްގައި މިރޭ ނިއު އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކްލަބުގެ މެނޭޖަރަކަށް ވިޝާމް ހަމަޖެއްސެވުމަށް ފަހު ކްލަބުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ، ވިޝާމް އެ މަގާމަށް ހަމަޖެއްސީ އޭނާއަކީ މެނޭޖަރު ކަމުގެ މަގާމަށް ވަރަށް އެކަށޭނަ ބޭފުޅަކަށްވާތީ ކަމަށެވެ. ނިއުގެ މެނޭޖަރު ކަމަށް އޭނާ އައްޔަން ކުރީ ކުރިއަށް އޮތް ސީޒަންގެ ނިޔަލަށް ކަމަށް ވެސް ބަލަކް ވިދާޅުވި އެވެ.

ގާނޫނީ ދާއިރާއިން މާސްޓާސް ހެއްދެވުމަށް ފަހު ސުއޫދު އެންޑް އަންވަރު ކޯގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ވިޝާމް ވިދާޅުވި ގޮތުގައި ނިއުގެ މެނޭޖަރު ކަމާ ހަވާލުވީ އެ ކަމަށް ވަގުތު ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި ނިއުއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ކްލަބު ކަމަށްވާއިރު އެ މަގާމްގައި ގޮންޖެހުންތަކެއް ހުންނާނެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ.

"ނިއުރޭޑިއަންޓަކީ އެނގިވަޑައިގަންނަވާނެ ފަދައިން މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ބައްލަވައިލެއްވި ކަމުގައި ވިޔަސް ފާހަގަ ކޮށްލެވޭފަދަ ކާމިޔާބުތަކެއް ހޯދާފައިވާ ކްލަބެއް. އެހެން ކަމުން މިއަހަރަށް ބަލައިފިނަމަ އެއީ ކަންނޭނގެ އަޅުގަނޑުމެންނަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ. މިއަހަރު އަޅުގަނޑުމެންގެ މި އޮތް ޓީމާއެކު މިދިޔަ އަހަރުގެ ކާމިޔާބު އަލުން ތަކުރާރުކުރުން،" ނިއުގެ އާ މެނޭޖަރު ވިދާޅުވި އެވެ. "ވަގުތުގެ ގޮތުން ބަލާއިރު އަޅުގަނޑުމެން ރާއްޖޭގައި މި ދާއިރާގައި މަސައްކަތްކުރާ އެންމެންނަކީ ވެސް އާމްދަނީ ހޯދުމަށް އިތުރު ވަޒީފާއެއް އަދާކުރާ ބައެއް. އަޅުގަނޑު މިފަދަ މަސްއޫލިއްޔަތަކާ ހަވާލުވީ އަޅުގަނޑަށް މިކަމަށް ފުރިހަމަ ވަގުތު ދެވޭނެކަން ޔަގީންވާތީ،"

މިދިޔަ ސީޒަންގައި އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލާ ހިސާބަށް ދަތުރު ކުރި ޓީމުގެ އާ މެނޭޖަރު ވިދާޅުވީ ނިއުގެ އެންމެ ބޮޑު އެއް އަމާޒަކަށް މިދިޔަ އަހަރު އެ ކްލަބު އަތުން ބީވެގެންދިޔަ އެންމެ ބޮޑު މުބާރާތް ކަމަށްވާ އޭއެފްސީ ކަޕްގައި މިއަހަރު ރަނގަޅު ނަތީޖާއެއް ނެރުން ވެގެންދާނެ ކަމަށެވެ.

ވިޝާމް ވިދާޅުވީ ނިއުރޭޑިއަންޓަކީ "އޮންޕިޗް"ގައި މިހާރު ވެސް ބޮޑެތި ކާމިޔާބުތަކެއް ހާސިލް ކުރަމުން ގެންދާ ކްލަބަކަށްވާއިރު އެ ކާމިޔާބުތަކާއި އަހްލާގު ކްލަބެއްގެ ގޮތުގައި "އޮފްޕިޗް"ގައި ވެސް ހާސިލްކުރުން އެއީ ކްލަބުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ނިއުރޭޑިއެންޓަކީ ބައިނަލްއަގްވާމީ ފެންވަރުގެ ކްލަބަކަށް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކްލަބެއްގެ ހައިސިއްޔަތުން ނިއުރޭޑިއަންޓް ވަރުގަދަވެ ހަރުދަނާވެ، ކްލަބުގެ ކުޅުންތެރިންގެ މެދުގައި އެ އޮންނަ ޑިސިޕްލިން އާއި ޕްރޮފެޝަނަލިޒަމް، އާންމު މެންބަރުންނަށާއި ކްލަބުގެ ސަޕޯޓަރުންނަށް ދައްކަންޖެހޭ މިސާލު ހަރުދަނާ ވެގެން ދިއުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުމްމީދެއް. މި ދެންނެވި އުސޫލުން ކްލަބުގެ ޕްރޮފެޝަނަލިޒަމް އާއި އެ ޑިސިޕްލިން އަޅުގަނޑުމެންނަށް ހާސިލް ކުރެވިއްޖެ ނަމަ ނިއުރޭޑިއަންޓް ވެގެންދާނީ އިންޓަނޭޝަނަލް ސްޓޭންޑަޑްގެ ކްލަބަކަށް،" ވިޝާމް ވިދާޅުވި އެވެ.

ވިޝާމް ވަނީ މެލޭޝިއާގައި ކިޔަވާވިދާޅުވަން ހުންނެވި ދުވަސްވަރު އެ ގައުމުގައި ތިބޭ ދިވެހި ކިޔަވާކުދިންގެ މެދުގައި މަގުބޫލު ފުޓްބޯޅަ މުބާރާތެއް ކަމަށްވާ "މޯލްޑިވިއަން ކަޕް" އިންތިޒާމްކުރުމުގަ އާއި އަދި މުބާރާތް ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ.

"އަޅުގަނޑުމެން މެލޭގައި ކިޔަވަން އުޅުނު ދުވަސްވަރު ކުރިއަށް ގެންދިޔަ މޯލްޑިވިއަންކަޕް ފުޓްބޯޅަ މުބާރާތް، ރާވައި ހިންގުމުގައި އަޅުގަނޑު އައިފަހުން އެންމެ އިސް ދައުރެއް އަދާކުރެއްވީ ވިޝާމް. އެހެން ކަމުން ވިޝާމްގެ ގާބިލްކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއް ނުކުރަން،" މޯލްޑިވިއަން ކަޕް ރާވައި ހިންގުމުގައި އެންމެ އިސް ދައުރެއް ކުރިން އަދާކުރެއްވި ބަލަކް ވިދާޅުވި އެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރު ކަމަށް ކްލަބުގެ މެނޭޖްމަންޓުން ވަނީ ބުނެފަ އެވެ.