12 Dec 2010, 06:25
ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އާއި އަދި އެނޫން ވެސް ބައެއް ފަރާތްތަކުން ދެކޮޅުހަދަމުން ދަނިކޮށް އިޒްރޭލުގެ "ޔަހޫދީ" ޑޮކްޓަރުންގެ ޓީމުން އިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި އިއްޔެ މެންދުރު ފަހުން ފަށައިގެން އިޒްރޭލުގެ "އައި ފްރޮމް ޒިއޯންގެ"ހަތަރު ޑޮކްޓަރުން ހިމެނޭ ޓީމުން ގެންދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ. އަދި މިއަދު ވެސް އެ މީހުން ފަރުވާދެމުން ގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މެޑިކަލް ކައުންސިލްގެ މީޑިއާ ކޯޑިނޭޓާ މުހައްމަދު އިޔާސް ވިދާޅުވީ "އައި ފްރޮމް ޒިއޯން"ގެ ދެ ޑޮކްޓަރަކަށް އިއްޔެ މެންދުރު ފަހު ހުއްދަ ދީފައި ވާނެ ކަމަށެވެ. އަދި އިއްޔެ ހަވީރު ފަހެއް ޖެހި އިރު އިތުރު ދެ ޑޮކްޓަރަކަށް ހުއްދަ ދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޔާސް ވިދާޅުވީ ހަތަރު ޑޮކްޓަރުންނަށް ވެސް ހުއްދަ ދިނީ އެ މީހުންގެ ސެޓްފިކެޓްތައް އެކްރެޑިޓް [ސައްހަ ކައްމުގެ ތައްގަނޑު] ޖެހުމަށް ފަހު ހުށަހެޅުމާ ގުޅިގެން ކަމަށެވެ.
"ހަތަރު ޑޮކްޓަރުންނަށް ވެސް ހުއްދަ މިދިނީ އެކްރެޑިޓް ކޮށްފައި ހުރި ސެޓްފިކެޓް ހުށަހެޅުމުން. ހުރިހާ ލިޔުމެއް މިހާރު ވަނީ ލިބިފައި." އިޔާސް ވިދާޅުވި އެވެ.
އިޒުރޭލުގެ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓްތައް އެންމެ ފުރަތަމަ ހަމަޖައްސާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް އެ ދުވަހަށް އެ މީހުންނަށް މެޑިކަލް ކައުންސިލުން ހުއްދަ ލިބިފައި ނެތުމާ ގުޅިގެން އެޕޮއިންޓްމަންޓްތައް ފަސްކުރީ އެވެ.
އިޒުރޭލު ޑޮކްޓަރުންނަށް ހުއްދަ ލިބުން ލަސްވެފައި ވަނީ އެމީހުން އެންމެ ފުރަތަމަ ހުށަހެޅި ލިޔުންތަކުގެ ސައްހަކަމާ މެދު ސުވާލުއުފެދުމާ އެކު ބައެއް ލިޔުންތައް ހަމައަށް ހުށަހަޅާފައި ނުވާތީ ކަމަށް މެޑިކަލް ކައުންސިލުން ބުނެ އެވެ.
އިޒުރޭލު ޑޮކްޓަރުންނަށް ދެއްކުމަށް 215 މީހަކު އެޕޮއިންޓްމަންޓް ހަދާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
އިޒްރޭލުގެ ޑޮކްޓަރުން ރާއްޖެ އަށް އައުމާ ގުޅިގެން ގިނަ އަދެއްގެ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން މިދިޔަ ހުރުކު ދުވަހާއި ހޮނިހިރު ދުވަހު ވަނީ އިޒުރޭލުގެ "ޔަހޫދީ" ޑޮކްޓަރުން ރާއްޖެ އިން ބޭލުމަށް ގޮވާލާބަޔަކު މާލޭ މަގުތަކުގައި މުޒާހަރާ ކޮށްފަ އެވެ.
އިޒްރޭލްގެ ޑޮކްޓަރުންގެ ޓީމް "އައި ފްރޮމް ޒިއޯން"ގެ ނަމުގައި މަސައްކަތް ކުރާއިރު އެ އެމީހުން ބޭނުން ކުރާ "ޒިއޯން" އަކީ އަލް ގުދުސަށް ޔަހޫދީން ކިޔައި އުޅޭ ނަމެކެވެ. ޔަހޫދީންގެ ސިޔާސީ ބައިގަނޑެއްކަމުގައިވާ "ޒަޔަނިސްޓުންގެ" ނަން ނަގާފައިވަނީ "ޒިއޯން" މި ބަހުންނެވެ.