05 Jan 2014, 23:16
ކުރިޔަށް އޮތް ފަސް އަހަރަށް ފުލުހުންގެ ސްޓްރެޓިޖިލް ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނީ އެ ސްޓްރެޓިޖިކް ޕްލޭން އެކުލަވައިލުމަށް ފުލުހުންގެ މަޝްވަރާ އާއި ޚިޔާލު ހޯދުމުގެ މަސައްކަތު ބައްދަލުވުމެއް ތިން ދުވަހުގެ މުއްދަތައް މިއަދު ފަށާފައިވާ ކަމަށެވެ.
އެބައްދަލުވުން ފައްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓާ ޢުމަރު ނަސީރު ވިދާޅުވީ އެ ސްޓްރެޓިޖިކް ޕްލޭންގެ އެންމެ މުހިއްމު މަޤްޞަދެއްގެ ގޮތުގައި މަސްތުވާތަކެތީގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރަން ފުލުހުން މެދުވެރިވެގެން ކުރެވެން ހުރި މަސައްކަތްތައް ހިމަނަން އިސްކަން ދިނުމަށް އެދޭ ކަމަށެވެ. އެގޮތުން ނޭބާހުޑް ޕޮލިސިން އިތުރަށް ހަރުދަނާކުރުމަށް ހޯމް މިނިސްޓާ އެދުނެވެ.
މިނިސްޓާ އިތުރަށް ވިދާޅުވީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެކަން ފުރިހަމަ ކުރެވޭނީ ކްރިމިނަލް ޖަސްޓިސް ސިސްޓަމް ރަނގަޅު ކުރެވިގެން ކަމަށް މިނިސްޓާ އުމަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓާ ވަނީ ފުލުހުން އަލަށް އެކުލަވާލާ ސްޓްރެޓިޖިކް ޕްލޭންގައި ފުލުހުންގެ އިންޓާނަލް ޑިސިޕްލިންއަށް ކޭޓާ ކުރެވޭގޮތަށް ކަންކަން ހިމެނުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ ފުލުހުން އެކުލަވާލާ ސްޓެރެޓިޖިކް ޕްލޭން އެކުލަވާލާނީ ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ މަސައްކަތް ކުރެވޭނެ ގޮތްތަކަށް އިސްކަންދީގެންކަމަށެވެ.
ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭން އެކުލަވައިލުމަށް ހިޔާލު ހޯދުމަށް ބާއްވާ އެ ބައްދަލުވުމުގައި ފުލުހުންގެ އެކި ޑައިރެކްޓްރޭޓް ކޮމާންޑް އަދި ޑިޕާޓްމަންޓްތަކުން މުވައްޒަފުން ބައިވެރިވާކަމަށް ފުލުހުން ބުނެއެވެ.