ދިވެހި ވެބްސައިޓްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓަކީ ސަން އޮންލައިން ކަމަށް ދުނިޔޭގެ ވެބްސައިޓްތައް ރޭންކް ކުރާ ބައިނަލް އަގުވާމީ އޭޖެންސީ ކަމަށްވާ އެމެރިކާގެ އެލެކްސާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެލެކްސާގެ މިހާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހި ސައިޓްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ވަންނަނީ މީގެ 16 ވަރަކަށް އަހަރު ކުރީން 1997 ވަނަ އަހަރު ތަޢާރަފު ކުރި ހަވީރު އޮންލައިން އަށެވެ. ހަވީރު އޮންލައިން މިހާރު އޮތީ ރާއްޖެ އިން ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓުގެ މަގާމުގަ އެވެ. މީގެ ތިން އަހަރު ކުރީން ތަޢާރަފު ކުރި ސަން އޮންލައިން މިއަދު އޮތީ ރާއްޖެ އިން ފަސް ވަނައަށް އެންމެ ގިނަ މީހުން ވަންނަ ސައިޓުގެ މަގާމުގަ އެވެ.

ހަވީރު އަދި ސަން އަށް ވުރެ ގިނަ މީހުން ރާއްޖެ އިން ވަންނަނީ ބައިނަލް އަގުވާމީ ސައިޓްތަކުގެ ތެރޭގައި ހިމެނޭ ގޫގްލް، ފޭސްބުކް އަދި ޓްވިޓާ އަށެވެ. އެހެން ކަމުން ދިވެހި ސައިޓްތަކަށް ބަލާ އިރު ރާއްޖޭގެ އެންމެ މަގުބޫލު އަދި އެންމެ ގިނަ މީހުން ވަންނަ ދެ ވެބްސައިޓަކީ "ހަވީރު އޮންލައިން" އަދި "ސަން އޮންލައިން" އެވެ.

ސަން އޮންލައިންގެ މިހާރުގެ ތަފާސް ހިސާބު ތަކަށް ބަލާ އިރު އެވްރެޖްކޮށް މަހަކު ދޮޅު މިލިއަނާއި ދެ މިލިއަނާއި ދެމެދުގެ އަދަދެއްގެ ވިޒިޓްސް ސައިޓަށް ލިބެ އެވެ. އަދި ސައިޓަށް ވިޒިޓް ކުރާ ކޮންމެ މީހަކު 10 މިނެޓާއި 15 މިނެޓާ ދެމެދުގެ އަދަދެއްގެ ވަގުތު ސައިޓުގައި ހޭދަ ކުރެ އެވެ.

މީގެ ދޮޅު އަހަރު ވަރު ކުރީން އެލެކްސާއިން ސަން އޮންލައިން ރޭންކް ކޮށްފައި ވަނީ މިއަށް ވުރެ 25 ދަރަޖަ ފަހަތުގަ އެވެ. އެހެން ކަމުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަން އޮންލައިނުން މި ވަނީ ކިޔުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދައިފަ އެވެ.

ކިޔުންތެރީންނާ ހަމަޔަށް ޚަބަރު ވީހާ ވެސް އަވަހަކަށް ގެނެސްދިނުމަށް ސަން އިން ވަނީ މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ވަރަށް ޚާއްސަ މަސައްކަތްތަކެއް ތަޢާރަފުކޮށްފަ އެވެ.

ސަން އޮންލައިންގެ މި ކުރިއެރުމާ ގުޅިގެން ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން ޢަލީ ވިދާޅުވީ މި ފެށުނު 2014 ވަނަ އަހަރަކީ ސަން މީޑިއާގެ ތަރައްގީގައި އާ ކަންތައްތަކެއް ފެނިގެންދާނޭ އަހަރެއް ކަމަށެވެ. އެ ގޮތުން ތަފާތު ބަދަލުތަކާ އެކު ކިޔުންތެރީން އުފާވާނޭ ފަދަ އޮންލައިން މީޑިއާގެ ހެޔޮ ބަދަލުތަކެއް ވަރަށް އަވަހަށް ފެންނަމުންދާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ތިން އަހަރު ސަން މި ހޯދި ކާމިޔާބަކީ މުޅި ސަން ޓީމުގެ މަސައްކަތް. މީ އެއްވެސް ހާލެއްގައި ފަސޭހަ ކަމެއް ނޫން. ވަކީން ޚާއްސަ ގޮތެއްގައި ސަންގެ ނިއުސް ޓީމުގެ މަސައްކަތް އަޅުގަނޑު ފާހަގަ ކުރަން. 24 ގަޑި އިރު އެލާޓުގައި ތިބެގެން ޚަބަރާއި މައުލޫމޫމާތު ފެތުރުމުގެ މައިދާނުގައި އަޅުގަނޑުމެންގެ ނޫސްވެރިން އެންމެ ތިން އަހަރުގެ ތެރޭގައި މި ހޯދި މަގާމަށް ޓަކައި ސަންގައި މަސައްކަތް ކުރި އަދި މިހާރު މަސައްކަތް ކުރަމުން އަންނަ ހުރިހާ ނޫސްވެރީންނަށް އަދި އެޑިޓަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން،" ސިނާން ވިދާޅުވި އެވެ.

މި ކާމިޔާބަކީ އެތައް ވިސްނުމަކާއި އެކު، މީޑިއާ އަށް އަންނަމުން އައި ބަދަލުތައް ދިރާސާ ކުރުމުގެ ތެރެއިން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށް ސިނާން ވިދާޅުވި އެވެ.

ސަންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު މުހައްމަދު (ހިރިގާ) މިއަދު ވިދާޅުވީ އެންމެ ތިން އަހަރުގެ ތެރޭގައި، ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން މި ހޯދުނު ކާމިޔާބަށް ޓަކައި އުފާ ކުރައްވާ ކަމަށެވެ. އަދި މީ ކުރިޔަށް އޮތް ތަނުގައި އިތުރު ކުރިއެރުންތައް ހޯދަން މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް ކަމަށް ވެސް ހިރިގާ ވިދާޅުވި އެވެ.

"ހަގީގަތުގައި ސަން މިހިންގާ ފެންވަރުގައި އޮންލައިން ނޫހެއް ހިންގުމަކީ 24 ގަޑިއިރުގެ ޖޮބެއް. މަސައްކަތުގެ ގަޑި އަކީ އަށް ގަޑި އިރޭ ކިޔާފައި އަށް ގަޑި އިރު މަސައްކަތް ކޮށްފައި އެހެން ވަގުތުތަކުގައި ޚަބަރު އަޕްޑޭޓް ނުކޮށެއް ނުތިބެވޭނެ. އެހެން ކަމުން ސަންގެ ނޫސްވެރިން ރެއެއް ދުވާލެއް ނުބަލައި މިދިޔަ ތިން އަހަރު ކޮށްދިން މަސައްކަތަށް އަޅުގަނޑު ތައުރީފުކޮށް، ހައްގު ޝުކުރު އަދާކުރަން،" ހިރިގާ ވިދާޅުވި އެވެ.