05 Jan 2014, 22:48
އެންޓާރކްޓިކާގެ ބޯ އައިސް ފަށަލަތަކުގެ ތެރޭގައި ތާށި ވެފައި ވާ ދެ ކަނޑުއުޅަނދަށް އެހީތެރި ވުމަށް ޓަކައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އައިސް ކަނޑާ ބޯޓެއް ފޮނުވާން ހަމަޖައްސައިފިއެވެ.
އެމެރިކާގެ ކޯސްޓް ގާރޑުން މައުލޫމާތު ދޭ ގޮތުގައި، "ޕޯލަރ ސްޓާރ" ގެ މަސައްކަތަކަށް ވާނީ އައިސް ފަށަލަތަކުގައި ތާށި ވެފައި އޮތް "އެކަޑެމިކް ޝޮކެލްސްކީ" އާއި "ޜިއު ލޯންގް" ސަލާމަތް ކުރެވޭތޯ ބެލުމެވެ. ޕޯލަރ ސްޓާރ އަކީ 399 ފޫޓުގެ ދިގުމިނުގެ، އަދި 18 ނޮޓް ދުވެލީގެ ބޯޓެކެވެ. ހުއްޓުމެއް ނެތި 3 ނޮޓުގެ ދުވެލީގައި ދުވަމުން 6 ފޫޓު ބޯމިނުގެ ގަނޑުފެން ފުނޑުފުނޑު ކުރުމުގެ ގާބިލުކަން މި ބޯޓަށް ލިބިފައި ވެއެވެ. ކުރިޔަށް ޖެހި ގަނޑުފެން ފުނޑުފުނޑު ކޮށްފައި ފަހަތަށް ޖެހި އަނެއްކާވެސް ކުރިޔަށް ޖެހި މަސައްކަތް ކުރާ ނަމަ 21 ފޫޓު ބޯމިނުގެ ގަނޑުފެން ފަށަލަތައް މި ބޯޓަށް މުގުރޭނެއެވެ.
މީގެ ތެރެއިން އެކަޑެމިކަކީ ރޫސީ ވިލާތުގެ ބޯޓެކެވެ. އެ ބޯޓު އެންޓާރކްޓިކާއަށް ދިޔައީ މިދިޔަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު، ސައިންސީ ދިރާސާތަކެއް ކުރުމަށް ޓަކައި ސައިންސްވެރީންތަކެއް ގޮވައިގެންނެވެ. 52 ފަސެންޖަރުން ތިބި އެ ބޯޓު އެންޓާރކްޓިކާގައި ތާށި ވީ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
ޜިއު ލޯންގަކީ، އެންޓާރކްޓިކާގެ އައިސްތަކުގެ ތެރޭގައި އެކަޑެމިކް ތާށި ވުމާ ގުޅިގެން، އެ ބޯޓު ސަލާމަތް ކުރާން ފޮނުވުނު ޗައިނާގެ އައިސް ކަނޑާ ބޯޓެކެވެ. ނަމަވެސް އެކަޑެމިކް ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، ޜިއު ލޯންގް ވެސް ވަނީ އައިސް ފަށަލަތަކުގެ ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހު ތާށި ވެފައެވެ.
އެމެރިކާގެ ކޯސްޓް ގާރޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވާގޮތުން، ޕޯލަރ ސްޓާރ ފޮނުވާން ހަމަޖެހުނީ އޮސްޓްރޭލިއާ އާއި ރަޝިއާ އާއި ޗައިނާގެ ސަރުކާރުތަކުން އެކަމަށް އެދުމާ ގުޅިގެންނެވެ.
"އަޅުގަނޑުމެންގެ އެންމެ އިސް މަގުސަދަކީ ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުންގެ ފުރާނަ ސަލާމަތް ކުރުން. އެހެންކަމުން، އަޅުގަނޑުމެން މި ދެ ބޯޓު (އެކަޑެމިކް އާއި ޜިއު ލޯންގް) އައިސް ފަށަލަތަކުން ސަލާމަތް ކޮށް، އަނބުރައި އާދެވޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރާނަން." އެމެރިކާގެ ކޯސްޓް ގާރޑް ޕެސިފިކް އޭރިއާގެ ކޮމާންޑަރު، ވައިސް އެޑްމިރަލް ޕޯކް ޒުކުންފްޓް ވިދާޅުވިއެވެ.
މިހާރު އޮސްޓްރޭލިއާގެ ސިޑްނީގައި އޮތް ޕޯލަރ ސްޓަރ މިއަދު ފުރާނެއެވެ. "އޮސްޓްރޭލިއަން މެރިޓައިމް ސޭފްޓީ އޮތޯރިޓީ" އިން މައުލޫމާތު ދޭ ގޮތުގައި އެންޓާރކްޓިކާގައި ހާލުގައި ޖެހިފައި އޮތް ދެ ބޯޓާ ހަމަޔަށް ޕޯލަރ ސްޓާރއަށް ދެވޭނީ ހަފުތާއެއްގެ ދަތުރަށް ފަހުއެވެ.
އެކަޑެމިކްގައި ތިބި މީހުން ސަލާމަތް ކުރާން ޜިއު ލޯންގުން ކުރި މަސައްކަތުގެ ތެރޭގައި އެ ބޯޓު ވެސް އައިސްތަކުގެ ތެރޭގައި ތާށި ވުމާ ގުޅިގެން، ޜިއު ލޯންގުގެ ހެލިކޮޕްޓަރަކުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުރިހާ މީހުން އޮސްޓްރޭލިއާގެ ކަނޑުއުޅަނދެއް ކަމަށް ވާ އޮރޯރާ އޮސްޓްރާލިސްއަށް ގެނެސްފައެވެ.
ޜިއު ލޯންގްގައި 111 މީހުން ތިބި އިރު، އެކަޑެމިކްގައި ވެސް އަދި 22 މީހުން އެބަތިއްބެވެ. ދެ ބޯޓުގައި ވެސް ފުދޭ ވަރަށް ކާނާ އެބަ ހުރި ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.
އައިސްތަކުގެ ތެރޭގައި އެކަޑެމިކް ތާށިވުމާ ގުޅިގެން އެ ބޯޓު ސަލާމަތް ކުރާން ޜިއު ލޯންގްގެ އިތުރުން އޮރޯރާ އޮސްޓްރާލިސް އާއި ފަރަންސޭސި ކަނޑުއުޅަނދު ލައެސްޓްރޮލާބުން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އައިސް ފަށަލަތަކުގެ ބޯކަމުން މިއިން އެއްވެސް އުޅަނދަކަށް ވަނީ އެކަން ނުކުރެވިއެވެ.
މިހައިތަނަށް ސަލާމަތް ކުރެވުނު 52 މީހުން ގޮވައިގެން، އޮސްޓްރާލިސް ދާނީ އޮސްޓްރޭލިއާގެ ޓެސްމޭނިއާ ސްޓޭޓުގެ ވެރިރަށް ހޮބާރޓަށެވެ.
އެންޓާރކްޓިކާގެ ގަނޑުފެން ފަށަލަތަކުގެ ތެރޭގައި އެކަޑެމިކް ތާށި ވީ، ގަދަ ވަޔާއެކު އެ ފަށަލަތައް އައިސް ބޯޓު އޮތް ސަރަހައްދު އެއްކޮށް ބައްދައިލުމާ ގުޅިގެންނެވެ.