05 Jan 2014, 22:31
ދިވެހިރާއްޖެ އާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމަށް މި އަހަރު 50 އަހަރު ފުރޭއިރު މިގުޅުން އެންމެ ވަރުގަދަވެގެން، އެންމެ ބަދަހިވެގެން ގޮސްފައި ވަނީ، ރައީސް މައުމޫނުގެ ޒަޢާމަތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އަދި އެމަނިކުފާނު އިންޑިޔާގެ ރައީސްގެ ދަޢުވަތަކަށް، މި ޖަނަވަރީ މަހުގެ 1 ން 4 އަށް އިންޑިޔާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ބައްދަލުކުރެއްވި އިންޑިޔާގެ އިއްޒަތްތެރިން ދެއްކެވި ވާހަކަފުޅުތަކުގައި ވެސް މިކަންތައް ފާހަގަކުރައްވާފައިވާ ކަމުގައި ވިދާޅުވި އެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކޮށްލެއްވުމުގެ ކުރިން، ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގަތުމުން، ޕީޕީއެމްގެ ފަރާތުން މަރުޙަބާ ދަންނަވައި، އަދި ޕީޕީއެމްގެ ފަރާތުން ސަރުކާރަށް ވެދެވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް އެރުވުމަށްޓަކަ އެވެ. އަދި އިންޑިޔާ އާއި ރާއްޖެއާ އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ޓަކައި ރައީސް މައުމޫނުގެ ދައުރުގައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް އިންޑިޔާ ސަރުކާރުން ބަލައިގަނެ، އަދި ރައީސް ޔާމީނުގެ ދަތުރުފުޅުގައި އިންޑިޔާ ސަރުކާރުގެ އިސްބޭފުޅުންނާ އެކު ދެއްކެވި ވާހަކަފުޅުތަކުގައި އެކަންތައް ފާހަގަކުރައްވާފައި ވާތީ، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވުމަށް ޓަކައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި އެހާ ރަނގަޅު ގުޅުމެއް މިއޮންނަނީ، ރައީސް މައުމޫނުގެ ހާރިޖީ ސިޔާސަތާ ހަމައިން ފެށިގެން އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމުގެ ސަބަބުން ކަމުގައި ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އިންޑިޔާއާ އެކީ މަސައްކަތްކުރުމަށް ރައީސް މައުމޫނުގެ ސަރުކާރުގައި ގެންގުޅުއްވި ސިޔާސަތުތައް، މި ސަރުކާރުން އިރާދަކުރެއްވިއްޔާ ދަމަހައްޓަވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އަބަދުވެސް އެދިވަޑައިގަންނަވަނީ، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އުފެދިފައިވާ ގުޅުމަކީ އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި އިންޑިޔާގެ ރައްޔިތުންނަށް ފައިދާތަކެއް ވަމުންދާނޭ ފަދަ ވަރަށް ގާތް އެކުވެރި ރަޙުމަތްތެރި ގުޅުމެއްގެ ގޮތުގައި މިގުޅުން ދެމިއޮތުން ކަމުގައި ވިދާޅުވި އެވެ.