05 Jan 2014, 20:48
ސިވިލް ކޯޓުގެ އާވެބްސައިޓް އިފްތިތާހުކޮށްފި އެވެ.
ސިވިލް ކޯޓުގެ އާވެބްސައިޓް އިފްތިތާހުކޮށްފައި ވަނީ އެ ކޯޓުގައި މިއަދު ބޭއްވި ހަފްލާއެއްގައި އިސްގާޒީ އަލީ ރަޝީދު ހުސައިން އެވެ.
ވެބްސައިޓް އިފްތިތާހުކޮށްދެއްވުމަށް ފަހު އިސްގާޒީ އަލީ ރަޝީދު ދެއްކެވި ވާހަކަފުޅުގައި ކޯޓުގެ ނިންމުންތައް ފަސޭހައިން އާންމުންނަށް ލިބެން ހުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމުގައި ވިދާޅުވި އެވެ.
ކޯޓުގެ ކޮންމެ ނިންމުމަކީވެސް އާންމުކޮށް ލިބެންހުންނަންޖެހޭނެ ނިންމުންތަކެއްކަމަށާއި ކޯޓުގެ ވެބްސައިޓް މިހާރު ފަރުމާކޮށްފައިވަނީ ނިންމުންތައް ފަސޭހައިން ބެލޭނެ އަދި ހޯދޭނެ) އިންތިޒާމެއްގެ ދަށުންކަމަށް އަލީ ރަޝީދު ވިދާޅުވިއެވެ.
އަލީ ރަޝީދު ވިދާޅުވީ ކޯޓުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި މުވައްޒަފުންގެ އެއްބާރުލުން ކޮންމެހެން މުހިންމުކަމަށާއި 2013 ވަނަ އަހަރު ނިމިގެން ދިޔައީ ކުރީ އަހަރުތަކަށް ވުރެ ބޮޑުކާމިޔާބީއަކާ އެކުގައިކަމަށެވެ.
ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދުގެ ނިސްބަތުން ކޯޓުގެ ގާޒީންގެ އަދަދު މަދުކަމަށާއި ކޯޓުގެ މުވައްޒަފުންގެ ދަތިކަމާއި ޖާގައިގެ ދަތިކަމާއި އެކުވެސް އަހަރަކަށްވުރެ އަހަރެއްގައި ހޯދޭ ކާމިޔާބީގެ މިންވަރު އިތުރުވަމުންދިއުމަކީ ހިތްހަމަޖެހުމެއްކަމުގައި އޭނާ ވިދާޅުވިއެވެ.
ސިވިލް ކޯޓުގެ އާވެބްސައިޓްގައި ގަޒިއްޔާ ނަންބަރާއި ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތުގެ ނަމުން މައްސަލަތައް ހޯދޭނެ [ސާޗްކުރެވޭނެ] އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.
ސިވިލް ކޯޓުގެ ވެބްސައިޓް ފުރަތަމަ އިފްތިތާޙުކުރީ 17 ނޮވެމްބަރ 2009 ގައެވެ. އޭގެ ފަހުން މިއަދާހަމައަށް ކޯޓުން ނިންމާ ނިންމުންތައް ވެބްސައިޓް މެދުވެރިކޮށް އަންނަނީ އާންމުކުރަމުންނެވެ.