05 Jan 2014, 17:54
ސައޫދީ އަރަބިއަން އެއާލައިން ބޮއިން 767ގެ ފްލައިޓެއް މަދީނާގެ ޕްރިންސް މުހައްމަދު ބިން އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް އިމަޖެންސީގައި ޖައްސަން އުޅުމުގެ ތެރޭގައި އޭގައި ދަތުރު ކުރި ބައެއް ފަސިންޖަރުންނަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބީބީސީގައި ބުނެފައިވާ ގޮތުން އެ ހާދިސާ ހިނގީ، ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިންގެ އެއާކްރާފްޓެއް ކަމަށްވާ ސައުދިއާ 767-300އީއާރު އީރާނުގެ މަޝްހަދުން 315 ފަސިންޖަރުން ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ.
ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ތަރުޖަމާނު ޚާލިދު އަލް ޚައިބަރީއާ ހަވާލާދީ އޭއެފްޕީގައި ބުނެފައިވަނީ އެ ބޯޓު އިމަޖެންސީގައި ލޭންޑު ކުރަން ޖެހުނީ އެވަގުތު ބޯޓުގެ ކަނާތްފަރާތު ލޭންޑިން ގިއާ ފެއިލްވެފައިވުމުން ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން އެ ބޯޓަކީ އީރާނުން މަދީނާއަށް އަޅުކަމަށް މީހުން ގޮވައިގެން ދަތުރު ކުރި ފްލައިޓެކެވެ. އަދި އޭގައި އެވަގުތު ދަތުރުކުރި 299 ފަސިންޖަރުންނާއި 16 ފަޅުވެރިން ދަތުރުކުރި އިރު އެހާދިސާގައި 29 މީހަކަށް އެކިވަރުވަރުގެ އަނިޔާތަށް ލިބި އޭގެ ތެރެއިން 12 މީހަކު ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި ތިން މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
މި ހާދިސާއާ ގުޅިގެން ޕްރިންސް މުހައްމަދު ބިން އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތް ވަނީ 24 ގަޑިއިރަށް މެދުކަނޑާލައި ހުރިހާ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓް ތައް ވެސް ކެންސަލް ކޮށްފަ އެވެ.