05 Jan 2014, 17:30
އިޒްތިމާއީ ބޯހިއާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން އަންނަ މަސް ނިމުމުގެ ކުރިން ހުޅުމާލޭގައި 1100 ފްލެޓު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު މެންދުރު ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ 100 ދުވަހުގެ ޓާގެޓުތަކުގެ ތެރޭގައި ހިމަނާފައިވާ މުހިންމު އެއްކަމަކީ ސޯޝަލް ހައުސިން ސްކީމެއް މަސައްކަތް ފެއްޓުން ކަމަށާއި އެ މަސައްކަތް މިހާރު ވަނީ ތައްޔާރުކުރެވި ކެބިނެޓުން މިދިޔަ ހަފްތާގެ ތެރޭގައި ފާސްކޮށްފައި ކަމަށެވެ.
"މި ސްކީމްގެ ދަށުން މާލޭގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ރަނގަޅު ފެންވަރުގެ އިޖްތިމާއި ބޯހިއާވަހިކަން ފޯރުކޮށްދެވިގެން ދާނެ. މި ސްކީމަށް ބޭނުންވާ ހައުސިން ޔުނިތުތަށް އެޅުމަށް މަސައްކަތް ވެސް އިރާދަކުރެވިއްޔާ ކުރެވޭނެ. މި ސްކީމްގެ ދަށުން 1100 ފްލެޓް ހުޅުމާލޭގައި ހެދުމަށް ވަނީ ހަމަޖެހިފައި. މި މަސައްކަތަށް ވާން ޖެހޭ ތައްޔާރީތައް ވެސް ކުރިއަށް އެބަދޭ،" މުޢިއްޒް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެ ސްކީމްގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 1100 ފްލެޓަކީ ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ފްލެޓުތަކެއް ކަމަށާއި އޭގެ ތެރެއިން 385 ފްލެޓަކީ އިންޑިޔާގެ ސަރުކާރުގެ ލުއި ލޯނެއްގެ ދަށުން އަޅާ ފްލެޓުތަކެއް ކަމަށާއި ބާކީ ހުރި 715 ފްލެޓަކީ ޗައިނާގެ ސަރުކާރުގެ ލުއި ލޯނުގެ ދަށުން އަޅާ ފްލެޓުތަކެއް ކަމަށެވެ. އަދި އެ މަސައްކަތް ވެސް ކުރިއަށް މިއޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިންޑިޔާ ސަރުކާރުގެ އެހީގައި އަޅާ ފްލެޓްތަކުގެ މަސައްކަތް އަންނަ މަސް ނިމެންވާއިރަށް ފަށާނެ. އަދި ހަމަ މިޔާއެކީގައި އިތުރަށް މިބޭނުންވާ 715 ފްލެޓް ވެސް މާލަސްތަކެއް ނުވެ ފައްޓާނަން. މި 715 ފްލެޓް އެޅުމަށް ހަމަޖެހިފައި ވަނީ ސަރުކާރަށް ލިބިފައިވާ 1500 ފްލެޓުގެ މަޝްހޫރެއްގެ ތެރެއިން. ބާކީ 785 ފްލެޓް މިއަޅަނީ ދެކުނު ހަތަރު އަތޮޅެއްގައި." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި އެޅުމަށް ހަމަޖެހިފައިވާ ފްލެޓުތައް އެޅުމަށް ހަމަޖެހިފައި ވަނީ ދެކުނުގެ ހަތަރު އަތޮޅެއްގައި ކަމަށައި އެއީ އައްޑޫ އާއި ފުވައްމުލަކާއި ހުވަދު އަތޮޅު އުތުރު ބުރިއާއި ދެކުނު ބުރީގައި ކަމަށެވެ.