05 Jan 2014, 16:36
ރާއްޖޭގެ ނޫސްވެރީންނަށާއި ބްރޯޑްކާސްޓަރުންނާ ދެކޮޅަށް ކުރީގެ ސަރުކާރުގެ ފަރާތުން ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދެވުމަށް ބުރޮޑްކާސްޓިން ކޮމިޝަން އެދެފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ނޫސްވެރީންނަށާއި ބްރޯޑްކާސްޓަރުންނާ ދެކޮޅަށް ކުރީގެ ސަރުކާރުގެ ފަރާތުން ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދެވުމަށް އެދޭ ކަމަށެވެ. އަދި އަދުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ފަސް ނުކުތާގެ ވައުދުގައި ސޮއިކުރެއްވުމަށް އިލްތިމާސް ކުރައްވާފައިވެ އެވެ.
"ވައުދު ސޮއިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެންމެ ފުރަތަމަ ފޮނުވާފައި ވާނީ 2013 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު ކަމުގައި ވެސް މަނިކުފާނުގެ މައުލޫމާތަށް ޓަކައި ދަންނަވަން،" ރައީސް ޖުމްހޫރިއްޔާ އަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.
އެސިޓީގައި އިތުރަށް ބުނެފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަކީ ބްރޯޑްކާސޓިންގެ ދާއިރާ ޒިންމާދާރުކަމާއި މިނިވަންކަމަށް މަސައްކަތްކުރާ މުއައްސަސާއަކަށްވާ އިރު އެދެ ކަންތައް ސަރުކާރުގެ 100 ދުވަހުގެ އެކްޝަން ޕްލޭނުގައި ހިމެނުއްވުމަކީ މިނިވަން ނޫސްވެރިކަމަށް އަދުގެ ސަރުކާރުން ތަރުހީބުދޭ މިންވަރު ހާމަކޮށްދޭނޭ ކަމެއް ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށެވެ.
"މި ކަންކަން އެ ޕްލޭނުގައި ހިމަނައިދެއްވުން އެދޭ ވާހަކަ ދެންނެވީމެވެ. މި ދެންނެވި ކަންކަމަކީ ސަރުކާރުގެ 100 ދުވަހުގެ އެކްޝަން ޕްލޭނާ ބެހޭ ގޮތުން މަޝްވަރާކޮށްލެއްވުމަށް މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް އަމީން އިބްރާޙިމް، މި ކޮމިޝަނާއެކު ބޭއްވެވި ބައްދަލުވުމުގައި ވެސް ހިއްސާކޮށްފައިވާނޭ ކަންކަން ކަމުގައި ދެންނެވީ." ރައީސް ޖުމްހޫރިއްޔާއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.