05 Jan 2014, 16:29
ބްލެކް ޕެންތާގެ ނަމުން މަޝްހޫރު ވެފައިވާ ދުނިޔޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ފޯވާޑް ކުޅުންތެރިޔާ ޕޯޗްގަލްގެ ޔޫސޭބިއޯ ޑަ ސިލްވާ ފެރެއިރާ، އުމުރުން 71 އަހަރުގައި މަރުވެއްޖެ އެވެ.
ވޭތުވެދިޔަ އަހަރު ތަފާތު އެތައް ފަހަރެއްގެ މަތިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށް ފަރުވާދެވިފައިވާ ބެންފިކާގެ ކުރީގެ ހުނަރުވެރި ފޯވާޑް މަރުވީ ހިތާއި ނޭވާލާ ނިޒާމަށް ދިމާވި މައްސަލަތަކެއްގައި ފަރުވާކުރަމުން ދަނިކޮށެވެ.
ޕޯޗްގަލްގެ ކޮލޮނީއެއްގެ ގޮތުގައި އޮތް މޮޒަމްބީކަށް 1942 ވަނަ އަހަރު އުފަންވި ޔޫސޭބިއޯ ވަނީ، ޕޯޗްގަލް ގައުމީ ޓީމަށް އޭނާ ކުޅުނު 64 މެޗުގައި 41 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އަދި 1966 ވަނަ އަހަރު އިނގިރޭސިވިލާތުގައި އޮތް ވޯލްޑް ކަޕްގައި ޕޯޗްގަލް އަށް ތިންވަނަ މަގާމް ހޯދުމުގައި އެހީތެރިވި ޔޫސޭބިއޯ ވަނީ އެ މުބާރާތުގައި ނުވަ ލަނޑު ޖައިގެން އެ ފަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.
ޔޫސޭބިއޯ ވަނީ ބެންފިކާއަށް އޭނާ ކުޅުނު 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެ ކްލަބަށް ޕޯޗުގީޒް ލީގް ޓައިޓްލް 11 ފަހަރު ހޯދައި ދިނުމަށް އެހީތެރިވެފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޔޫރަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ދެފަހަރު ގޯލްޑަން ބޫޓް އެވާޑް ހާސިލްކޮށްފައިވެ އެވެ. ހަމަ އެހެންމެ ޕޯޗްގަލް ލީގުގައި އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔާގެ މަގާމް ހަތްފަހަރު ހޯދާފައިވެ އެވެ.
ޔޫސެބިއޯ މަރުވުމުގެ ހިތާމައިގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި ހާއްސަކޮށް ޕޯޗްގަލްގެ ފުޓްބޯޅަ އާއިލާއިން ދަނީ އޭނާގެ ހަނދާންތައް އާކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.
ޕޯޗްގަލްގެ ކެޕްޓަން އަދި ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޔޫސޭބިއޯއަށް ހެޔޮދުއާކޮށް ޓްވީޓް ކޮށްފައިވާއިރު ޕޯޗްގަލްގެ ކުރީގެ މަޝްހޫރު ވިންގާ ލުއިސް ފީގޯ ބުނެފައިވަނީ، ޔޫސެބިއޯ އަކީ ފުޓްބޯޅައިގެ ރަސްގެފާނު ކަމަށާއި އަދި އެއީ މުޅި ޕޯޗްގަލްއަށް ވެސް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ފާހަގަކުރި ގޮތުގައި ޔޫސެބިއޯ އަކީ މުޅި ޕޯޗްގަލްގައި ވެސް އުފެދުނު އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު ކަމަށާއި އަދި އޭނާގެ ހަނދާންތައް ދުވަހަކުވެސް ފިލައިގެން ނުދާނޭ ކަމަށް މޮރީނިއޯ ބުންޏެވެ.
އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަންގެ ޗެއާމަން ގްރެގް ޑައިކް ވިދާޅުވެފައިވަނީ، 1960ގެ އަހަރު ތަކުގައި ދުނިޔެ ދުއް އެންމެ މޮޅު ދެ ކުޅުންތެރިންނަކީ ޔޫސޭބިއޯ އާއި ބްރެޒިލްގެ ތަރި ޕެލޭ ކަމަށެވެ.
"ޔޫސޭބިއޯއަކީ އޭނާގެ ދުވަސްވަރުގައި ލިއޮނަލް މެސީ ނުވަތަ ކްރިސްޓިއާނޯ ރޮނާލްޑޯ،" ބީބީސީއަށް ދެއްވި އިންޓަވިއު އެއްގައި ޑައިކް ވިދާޅުވި އެވެ.