ޏ. ފުވައްމުލަކުގައި އެ ރަށު ވިޔަފާރިވެރިޔަކަށް ހަމާލާދިން ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.


ފުވައްމުލަކުގެ ޒުވާން ވިޔަފާރިވެރިޔާ އަޙުމަދު އާސިމް 36، އަށް މި މަހުގެ ދެ ވަނަ ދުވަހުރޭ ލަޓިބުރި އާއި ތޫނު އެއްޗެހި ބޭނުންކޮށްގެން ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި މިހާރު ހައްޔަރު ކޮށްފައި ތިބީ އާސިމް ދިރިއުޅެމުން އަންނަ އަވަށް، ފުނާޑު އަވަށަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ މީހަކާއި އުމުރުން 23 އަހަރުގެ މީހެކެވެ.  ނަމަވެސް އެ މީހުންގެ ނަމެއް އަދި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.


ފުލުހުން ބުނީ އެ މީހުންގެ ތެރެއިން ފުރަތަމަ މީހާ ހައްޔަރު ކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކަމަށާއި އަދި ދެ ވަނަ މީހާ ހައްޔަރު ކުރީ މިދިޔަ ހަފްތާގެ ބުރަސްފަތި ދުވަހު ކަމަށެވެ.


ރަށުގައި އަމިއްލަ ހަތަރު ފިހާރަ ހިންގާ ޒުވާން ވިޔަފާރިވެރިޔާގެ ގައިގެ އެކިތަންތަނުގައި ކަޓަރު އެޅުމުގެ އިތުރުން ބޯ ފަޅައިގެން ގޮސް ބޮލުގެ ނާށިގަނޑަށް ގެއްލުން ލިބި، ވަރަށް ގިނަ އަދަދަކަށް ގައިން ވަނީ ލޭ ފައިބައިފަ އެވެ.


އާސިމަށް އިތުރު ފަރުވާ ދިނުމަށް އޭނާ އިންޑިއާ އަށް ފޮނުވާލާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.  


އާސިމަށް ހަމަލާ ދީފައި ވަނީ ފިހާރަ ބަންދުކޮށްފައި ގެއަށް ދިޔަ މަގުމަތީގަ އެވެ.