ބައެއް ފާމަސީތަކުން ކޮންޓްރޯލު އަގަށް ވުރެ ބޮޑުކޮށް ޑޮކްޓަރީ ބޭސް ވިއްކަމުންދާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އިމްޕޯޓު މުދާ ވިއްކާ ތަންތަނާއި ފާމަސީތަކުން އަމަލު ކުރަން ޖެހޭ "އިމްޕޯޓުމުދާ ވިއްކުމުގެ ގަވާއިދު"ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކުން ކަނޑައަޅާ އަގަކީ ބޭސް އެތެރެކޮށް ހޯލްސޭލް ކުރާ ފަރާތްތަކުންނާއި ޕްރިސްކްރިޕްޝަނަށް ބޭސްވިއްކާ ފަރާތްތަކުން ބޭސް ވިއްކަން ކަނޑައަޅާ ކޮންޓްރޯލު އަގު ކަމަށެވެ.

މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގަވާއިދު ބުނާ ގޮތުން އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް، ކޮންޓްރޯލުކޮށްފައިވާ އަގަށް ވުރެން ބޮޑުކޮށް ވިއްކުމަކީ މަނާކަމެކެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ ކޮންޓްރޯލު އަގަށް ވުރެ ބޮޑުކޮށް ބޭސް ވިއްކުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ބައެއް ފާމަސީތަކުން ކޮންޓްރޯލު އަގަށް ވުރެ އަގު ބޮޑުކޮށް ބޭސް ވިއްކަމުންދާ ކަމަށް އެމިނިސްޓްރީ އަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ބޭހުގެ އަގު ކޮންޓްރޯލުކޮށްފައި ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ހުރިހާ ރައްޔިތުންނަށް ވެސް އެކަށީގެންވާ އެންމެ ހެޔޮއަގުގައި ބޭސް ގަތުމަށް މަގުފަހި ކުރުން ކަމަށެވެ. އަދި އަގު ބޮޑުކޮށްގެން ބޭސް ވިއްކާ ތަންތަނުން ކޮންޓްރޯލު އަގުތަކަށް ދަށް ކުރުމަށް ބޭހުގެ ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަށް އިކޮނަމިކް މިނިސްޓްރީން ވަނީ ގޮވާލާފަ އެވެ. އަދި އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮންޓްރޯލުކޮށްފައިވާ މުދަލެއް ކޮންޓްރޯލު އަގަށް ވުރެ ބޮޑުކޮށް ވިއްކާ ފުރަތަމަ ފަހަރު 500 އާއި 100،000ރ. އާއި ދެމެދު އަދަދަކަށް އަދި އެކުށް ތަކުރާރުކޮށްފި ނަމަ 5000ރ. އާއި 100000ރ. އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި ގަވާއިދާ ޚިލާފަށް ވިޔާފާރި ކުރާ ތަންތަން ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަކަށް ބަންދުކުރުން ނުވަތަ އެތަނަކަށް ދީފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ބާތިލު ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.