05 Jan 2014, 16:08
މިހާރު އިންތިހާބު ކޮށްފައިވާ ލޯކަލް ކައުންސިލްތަކުން އަލަށް އިންތިހާބުވާ ކައުންސިލް ތަކަށް ބާރުތައް ހަވާލުކުރުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލެއް އެކުލަވާލައި އެ އުސޫލަށް އަމަލުކުރުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
އިންތިގާލީ އުސޫލާއި ބެހޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ އެލްޖީއޭ އިން މިހާރު ކައުންސިލަރުން ދައުރު ބަދަލުވާއިރުގެ އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ.
އެގޮތުން އެކުލަވާލި އުސޫލުގެ ދަށުން އިންތިގާލީ ކޮމެޓީތަކެއް އުފައްދައި އަލަށް އިންތިހާބުވާ ކައުންސިލަރުންނަށް ކުރިން ކައުންސިލުން ކުރި އަދި ކުރަން ރާވާފައިހުރި މަސައްކަތްތަކާއި ކައުންސިލަށްހުރި ގޮންޖެހުންތަކާއި މައްސަލަތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެ ކޮމެޓީތަކުގެ ސަބަބުން އާ ކައުންސިލް އިންތިހާބުވާއިރު އެބޭފުޅުންނަށް ކައުންސިލުތަކުގެ މައްސަލަތަކާއި ކައުންސިލްތައް ހިނގައިދިޔަ ގޮތުގެ ރިޕޯޓާއި މާލީ ގޮންޖެހުންތަކާއި މާލީ މުއާމަލާތްތަކުގެ ކައުންސިލުތަކުގެ ދަރަނި އޮތް މިންވަރު އިނގިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން އަލަށް އިންތިހާބުވާ ކައުންސިލަރުން ކައުންސިލު ކަމުގެ މަގާމާއި ރަސްމީކޮށް ހަވާލުވަންދެން މިހާރުގެ ކައުންސިލުން ބާއްވާ ރަސްމީ ބައްދަލުވުންތަކުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެލްޖީއޭއިން ބުނީ ކޮންމެ ކައުންސިލަކުން ވެސް އެ ކައުންސިލެއްގެ ރައީސާއި ޒިންމާދާރުވެރިޔާގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފެއްގެ މައްޗަށް އެކުލެވިގެންވާ އިންތިގާލީ ކޮމިޓީތައް އިންތިހާބުވުމުގެ ދެހަފްތާ ކުރިން އެކުލަވާލަންޖެހޭނެ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް ހުރިހާ ކައުންސިލެއްގެ ކޮމެޓީތައް ފުރިހަމަކުރަން ޖެހޭނެ ކަމަށާއި މިއަދާ ހަމައަށް އެ ކޮމެޓީތައް ފުރިހަމަނުވެ ހުރި ކައުންސިލުތަކުން ވެސް އެކަން ފުރިހަމަކުރުމަށްފަހު އެކަން އެލްޖީއޭއަށް އެންގުމަށް އެދޭކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނީ ގޮތުން ކައުންސިލަރުންގެ ހުރި ޒިންމާތަކާއި ނިޒާމުގައި ހުރި ގޮންޖެހުންތަކާއި ނިޒާމާއި ބެހޭ މައުލޫމާތު ދިނުމުގެ އޮރިއެންޓޭޝަން ޕްރޮގްރާމެއް ވެސް ފުޅާދާއިރާއެއްގައި އަލަށް އިންތިހާބުވާ ކައުންސިލަރުންނަށް ހިންގުމަށް ރާވަމުންދާ ކަމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި އެ ޕްރޮގްރާމް ކުރިއަށްގެންދަން މަސައްކަތްކުރައްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ މިމަހުގެ 18ގަ އެވެ. އަދި އަލަށް އިންތިހާބުވާ ކައުންސިލަރުން ހުވާ ކުރުން އޮންނާނީ އަންނަ މަހުގެ 26ގަ އެވެ.
މިއަހަރު ދެ ސިޓީ ކައުންސިލް އިންތިހާބާއި 19 އަތޮޅު ކައުންސިލް އަދި 189 ރަށު ކައުންސިލް އިންތިހާބު އޮންނާނެ އެވެ.