ހެކި ލިބިފައިނުވާތީ މީހަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކުއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުގެރޭ 11:40 އެހައިކަންހާއިރު ލ. ގަން ތުންޑި ވިދާތަރިގޭގައި ނިދާފައި އޮތް އެރަށު އަސުރުމާގެ މުހައްމަދު ހަސަންގެ ބޮލުގައި އެއްޗަކުންޖަހައި އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ އަހްމަދު ނިޔާޒުގެ މައްޗަށް ދައުވާ ކުރެވޭވަރަށް ހެކި ލިބިފައި ނުވާތީ އޭނާގެ މައްޗަށް ދައުވާ ކުރެވެން ނެތްކަމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

"އަހްމަދު ނިޔާޒުގެ މައްޗަށް ދައުވާ ކުރެވޭ ވަރުގެ ހެކި ލިބިފައި ނުވާތީ އޭނާގެ މައްޗަށް ދައުވާ ކުރެވެން ނެތްކަމަށް ނިންމައި، އެކަން ވަނީ ފުލުހުންނަށް އަންގާފައި،" ޝަމީމް ވިދާޅުވި އެވެ.

މުހައްމަދު ހަސަން މަރާލި މައްސަލައިގެ ތުހުމަތުގައި އިތުރު ބަޔަކު ވެސް ހައްޔަރު ކުރި އެވެ. އެ މީހުންނަކީ ލ. ގަން ތުނޑި، ވިދާތަރި ފާތިމަތު އަހްމަދު،40، އާއި ހަމަ އެ ރަށު ހިޔާވެޔޮ ހުސައިން ވަހީދު، 24، އާއި ހަމަ އެރަށު މުޝްތަރީވާދީ ހުސައިން ނިޔާޒު، 25، އެވެ.

ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ އެއިން އެއްވެސް މީހެއްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައެއް ނުވެއެވެ.

މުހައްމަދު ހަސަން މަރާލި ހާދިސާ އަކީ މިދިޔަ އަހަރު ރާއްޖޭގައި ހިނގި އެންމެ ފުރަތަމަ މަރުގެ ހާދިސާ އެވެ.