05 Jan 2014, 14:19
އޮޑިޓް ކުރުމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އޮޑިޓް ކުރުމުގެ ހުނަރު ތަރައްގީ ކުރުމުގެގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަރިއަތޮޅު އުތުރުބުރީ ރަސްދޫގައި "އިންޓަނަލް އޮޑިޓް ވޯކްޝޮޕް"ގެ ނަމުގައި ވޯކްޝޮޕެއް ފަށައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ، އއ. ރަސްދޫގައި މިއަދު ފެށި ކޯހަކީ އެ ރަށު ކައުންސިލް އިދާރާގެ އެދުމުގެ މަތިން ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެއް ކަމަށެވެ. އަދި އެ ތަމްރީން ޕްރޮގްރާމްގައި އޮފީސްތަކުގެ އޮޑިޓްތައް ކުރިއަށް ގެންދާނެ ގޮތުގެ އިތުރުން އަމަލީ ގޮތުން އޮޑިޓް ސެޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޮޑިޓާ ޖެނަރަލް އޮފީހުން މައުލޫމާތުދެ އެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްދޫގައި ކުރިއަށްގެންދާ އެ ޕްރޮގްރާމްގައި އޮޑިޓް ކުރުމުގެ މިންގަނޑުތަކާއި ހުނަރުތަރައްގީ ކުރާނެ ގޮތާއި އޮޑިޓް ކުރުމުގައި ދިމާވެދާނެ މައްސަލަތަކާއި އެފަދަކަންތައްތައް ހައްލުކުރާނެ ގޮތުގެ މައުލޫމާތު ބައިވެރިންނަށް ލިބިގެން ދާނެ ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން މައުލޫމާތުދެ އެވެ.
ރަސްދޫގައި ކުރިއަށްދާ މިޕްރޮގްރާމްގައި އެއަތޮޅު ކައުންސިލްގެ އިދާރާތަކާއި ސްކޫލްތަކާއި އަދި ސަރުކާރުގެ އޮފީސްތަކުން 30 ބައިވެރިއަކު ވަނީ ބައިވެރިވެފަ އެވެ. އަދި އެތަމްރީން ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔަވައިދެނީ އޮޑިޓާ ޖެނަރަލް އޮފީހުގެ ފަސް އޮޑިޓަރުންނެވެ.