ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސްގެ ދައުރު ހަމަވެ މައްސަލަތައް ކުރިއަށް ގެންދިއުން ހުއްޓާލައިފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެކޮމިޝަންގައި ހިމެނޭ ހަތް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ދައުރު ހަމަވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރައީސް އާއި ނައިބު ރައީސް ވެސް ހިމެނޭ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އެ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުން ހުއްޓާނުލައި ކަމަށާއި ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ 28 އިން ފެށިގެން ހުށަހަޅާ މައްސަލަތައް ކުރިއަށް ގެންދިއުން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ކުރިން ހުށަހަޅާފައި ހުރި މައްސަލަތައް ދައުރު ހަމަނުވާ ތިން މެމްބަރުން ބަލަމުން އަންނަ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގަވާއިދު ބުނާ ގޮތުން އެ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ބަލާނީ އޮނަހިރި އަދަދެއްގެ މެމްބަރުން ހިމެނޭ ގޮތަށް، ރައީސް އެކުލަވާލާ މައްސަލަ ބަލާ މަޖިލީހަކުންނެވެ. އެގޮތަށް އެކުލަވަލާ މައްސަލަ ބަލާ ކޮންމެ މަޖިލީހެއްގެ ރިޔާސަތު ބަލަހައްޓާނެ މެމްބަރެއް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަނޑައަޅަންވާނެ އެވެ.

ލޭބާ ޓްރައިބިއުނަލް އަށް ބޭފުޅުން އައްޔަން ކުރަނީ ފަސް އަހަރު ދުވަހުގެ ދައުރަކަށެވެ.