މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފުލުހުނަށް ލިބޭ މައުލޫމާތުތަކުގެ އަލީގައި އެއްވެސް ހިފެހެއްޓުމެއް ނެތި މީހުންނާއި ތަންތަން ބަލާފަސްކުރަމުންގެންދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށްގެންދާ " ބްލޫ ފޯ ޔޫތް ކޭމްޕް" ފޭދޫ ފޮނޮޅުގައި ފެށުމަށް މިއަދު ބޭއްވި ރަސްމިޔާތުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން މި ގައުމު ސަލާމަތްކުރުމަށް ކުރަން ޖެހޭ މަސައްކަތުގައި އެއްވެސް ފަހެއް ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރުމަކީ ގާތް ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތްތަކާ އެއްގޮތްވާ ގޮތުގެ މަތީން އަޅުގަނޑުމެން ބަލާ ފާސްކުރާނެ ތަންތަނާއި މީހުން. މިއީ އަޅުގަނޑުމެނަށް ލިބޭ މައުލޫމާތުގެ އަލީގައި އެއްވެސް ހިފެއްޓުމެއްނެތި އަޅުގަނޑުމެން ކުރަމުންދާނެ މަސައްކަތެއް،" ހުސެއިން ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ވަނީ މަސްތުވާތަކެތި ނައްތާލުމަށާއި ކުށްމަދުކުރުމަށް ފުލުހުންކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ޒުވާނުނަށް ގޮވާލައްވާފަ އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ފެށި "ބްލޫ ފޯ ޔޫތް ކޭމްޕް"ގެ ދެވަނަ ބުރެއް އައްޑޫއާއި ފުވައްމުލަގައި ވެސް ކުރިއަށްދާނެ ކަމަށް ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ. އަދި ކޭމްޕްގެ މަގުސަދަކީ ކުށުގެވެށިން ޒުވާނުން ދުރުކުރުން ކަމަށް ހުސެއިން ވިދާޅުވި އެވެ.