05 Jan 2014, 14:06
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ވަރުގަދަ ހަޅުތާލުތަކުގެ އިތުރުން، ހުޅުޖެހުމާއި މީހުން މެރުމުގެ ހާދިސާތައް ވެސް ހިނގަމުންދަނިކޮށް، ބަންގްލަދޭޝްގެ ބަރުލަމާނީ އިންތިޚާބުގެ ވޯޓުލުން ފަށައިގެން ކުރިޔަށް އެބަގެންދެ އެވެ.
މިހައިތަނަށް އެތައް ބަޔަކު މަރު ވެ، ވޯޓު ލުމަށް ޓަކައި ހަދައިފައި ހުރި މަރުކަޒުތަކުގެ ތެރެއިން 100 މަރުކަޒެއްގައި އަލިފާން ރޯކޮށްލާފައި ވާ އިރު، މިއަދު ވެސް ހަމަނުޖެހުން ތަކުގައި އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ މަދުވެގެން ހަތަރު މީހަކު ވަނީ މަރު ވެފައެވެ. ބަންގްލަދޭޝްގެ އިލެކްޝަން ކޮމިޝަނުގެ އޮފިޝަލުންނާއި ފުލުހުން މައުލޫމާތު ދޭ ގޮތުގައި، 20 ސަރަހައްދެއްގައި ވޯޓުލާ މަރުކަޒުތަކަށް އަލިފާނުގެ ހަމަލަ ދީފައި ވާ އިރު، އޭގެ ތެރޭގައި ވެރިރަށް ޑާކާގެ ސަރަހައްދު ވެސް ހިމެނެއެވެ.
ވޯޓު ލާ މަރުކަޒުތަކުގެ ގޮތުގައި ހަމަޖެހިފައި ވާ ގިނަ ތަންތަނަކީ މަދަރުސާތަކާއި އެހެނިހެން އާއްމު ޚިދުމަތް ދޭ އިދާރާތަކުގެ އިމާރާތްތަކެވެ.
ޗިޓަގޮންގ ސަރަހައްދުގެ އޮފިޝަލެއް ކަމަށް ވާ މުޙައްމަދު ޢަބްދުﷲ އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިދިކޮޅު މީހުންގެ ހަމަލާތަކުގައި ހަލާކު ވި ވޯޓު ލާ މަރުކަޒުތަކުގެ ބަދަލުގައި އެހެން ތަންތަނުގައި ވޯޓު ލުން ކުރިޔަށް ދާނެ ކަމަށާއި، މިފަދަ ހަމަލާތަކާ ހުރެ ވޯޓު ލުން ހުއްޓައެއް ނުލެވޭނެ ކަމަށެވެ.
ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ވަނީ އާއްމު އިންތިޚާބު ބޮއިކޮޓް ކޮށްފައެވެ. އިންތިޚާބާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހަޅުތާލު ކުރާތާ ދެ ދުވަސް ވެފައި ވާ އިރު، އިދިކޮޅު ލީޑަރު ބޭގަމް ޚާލިދާ ޒިއާ ވިދާޅުވެފައި ވަނީ މި ފަހަރުގެ އިންތިޚާބަކީ "ލަދު ގަންނާން ޖެހޭ ފަދަ ތާކުންތާކު ނުޖެހޭ ޖޯކެއް" ކަމަށެވެ. އެކަމަނާގެ ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން އިސްނަގައިގެން 48 ގަޑިއިރުގެ ހަޅުތާލެއް ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އިދިކޮޅު ފަރާތްތަކުން އިންތިޚާބު ބޮއިކޮޓް ކުރުމަކީ ވެސް އެކަމަނާގެ އިސް ނެންގެވުމުގެ މަތީން އެޅުނު ފިޔަވަޅެކެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އަވާމީ ލީގް ޕާޓީގެ ގިނަ ކެންޑިޑޭޓުންނަށް މިހާރު ވެސް ވަނީ އެބޭފުޅުން ވާދަ ކުރައްވާ ގޮނޑިތައް ކަށަވަރު ވެފައެވެ އެއީ އިދިކޮޅު ޕާޓީތަކުން އިންތިޚާބު ބޮއިކޮޓް ކުރުމުގެ ސަބަބުންނެވެ.
ޝައިޚް ޙަސީނާ މަގާމު ދޫކޮށްލައްވައި، މިނިވަން ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުން އިންތިޚާބު ބޭއްވުމަށް ގޮވައިލެވުނު ގޮވައިލުން ތަކަށް އެކަމަނާ ވަނީ ފުރަގަސް ދެއްވައިފަ އެވެ.
އިލެކްޝަން ކޮމިޝަނުގެ ތަރުޖަމާނު އެސްއެމް އަސަދުއްޒަމާން އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު 8:00 ގައި ގައުމުގެ ވޯޓުލުން ފެށުނު އިރު، ވޯޓުފޮށިތައް ބަންދު ވާނީ ހަވީރު 4:00 ގައެވެ.
ވޯޓުލުން ކުރިޔަށް ދަނީ ބަންގްލަދޭޝްގެ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން ދެބައިކުޅައެއްބަޔަށް ވުރެ ވެސް މަދު ދާއިރާތަކެއްގަ އެވެ. އެއީ އިދިކޮޅު ފަރާތްތަކުން އިންތިޚާބު ބޮއިކޮޓް ކުރުމާ ގުޅިގެން ގިނަ ދާއިރާތަކުގައި އަވާމީ ލީގުގެ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބު ކުރެވިފައި ވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފައި ވާތީ އެވެ.
އިންތިޚާބާ ގުޅިގެން ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ޓަކައި ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި 50000 ސިފައިން ބެއިތިއްބިފައި ވާކަމަށް ޚަބަރު ލިބެއެވެ.
މިފަހަރުގެ އިންތިޚާބާ ވިދިގެން ބަންގްލަދޭޝްގައި އިދިކޮޅު ފަރާތްތަކުން ބާއްވަމުން ގެންދާ ހަޅުތާލުތަކާއި މުޒާހަރާ ތަކަކީ، މިފަދަ އިދިކޮޅު ހަރަކާތްތަކުގެ ދެމިގެން އައި ސިލްސިލާއެއްގެ ބައެކެވެ. ބީއެންޕީ އާއި އެ ޕާޓީގެ ހަލީފުން ސަރުކާރާ ދެކޮޅަށް އެކި ކަހަލަ ހަރަކާތްތައް ހިންގަމުން ގެންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އިންތިޚާބުގެ ކުރީން ފާއިތު ވި ދެތިން ހަފުތާއެއްގެ ތެރޭގައި، ހަމަނުޖެހުންތަކުގެ ސަބަބުން މަދުވެގެން 100 ވަރަކަށް މީހުން ވަނީ މަރު ވެފައެވެ. ފުލުހުން ބަޑި ޖެހުމުގެ ސަބަބުން އެތައް ބަޔަކު މަރު ވެފައި ވާ އިރު، އިދިކޮޅު ފަރާތްތަކުން ދިން ޕެޓްރޯލް ބޮމުގެ ހަމަލާތަކުގައި ވެސް އެތައް ބަޔަކު މަރު ވެފައި ވެއެވެ.
ބަންގްލަދޭޝްގެ އާއްމު އިންތިޚާބު މުލާހަޒާ ކުރުމަށް އޮބްޒާވަރުން ފޮނުވާން ޔޫރަޕުގެ އިއްތިހާދާއި އެމެރިކާ ސަރުކާރު ވަނީ އިންކާރު ކޮށްފައެވެ. އޭގެ ސަބަބުން، ބައިނަލްއަގުވާމީ އިތުބާރު މި އިންތިޚާބަށް ނުލިބޭނެ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
1991 ވަނަ އަހަރުން ފެށިގެން، ބަންގްލަދޭޝްގައި ބާއްވާ ހުރިހާ އިންތިޚާބުތަކެއް ވެސް ބާއްވަމުން އަންނަނީ ވަގުތީ ސަރުކާރަކާ ވެރިކަން ހަވާލު ކޮށް،އެ ސަރުކާރުގެ ބެލުމުގެ ދަށުންނެވެ. އޭގެ ބޭނުމަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ކަށަވަރު ކުރުމެވެ. ނަމަވެސް ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އަވާމީ ލީގުގެ ސަރުކާރުން ވަނީ 2010 ވަނަ އަހަރު، މި އުސޫލު ދޫކޮށްލައިފައެވެ. ސަރުކާރުން ބުނެފައި ވަނީ އެއީ މިހާރަށް ކޮންމެހެން ބޭނުންވާ އުސޫލެއް ނޫން ކަމަށެވެ.
އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު ވާހަކަތައް ބާއްވައި ދެނެގަތުމެއް އުފެއްދުމަށް ޓަކައި އަލިފުދާލުގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ މަންދޫބަކު މިދިޔަ ޑިސެންބަރު މަހު ޑާކާއަށް ޒިޔާރަތް ކުރައްވައި ދެ ފަރާތާ މަޝްވަރާ ކުރެއްވިއެވެ. ނަމަވެސް އެ މަޝްވަރާތައް ނިމިފައި ވަނީ އެދެވޭ ނަތީޖާއެއް ނުނުކުމެއެވެ.
ވެއަތު ވެދިޔަ ދެ ދަހައިގެ ތެރޭގައި ބަންގްލަދޭޝްގެ ސިޔާސީ ދާއިރާގައި އިސް ދައުރެއް އަދާ ކުރައްވައިފައި ވަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާ އާއި އިދިކޮޅު ލީޑަރު ބޭގަމް ޚާލިދާ ޒިއާއެވެ. އެ މުއްދަތުގައި ވެރިކަން ބަދަލު ވެފައި ވަނީ ވެސް މި ދެ ބޭފުޅުންގެ ދެމެދުގައެވެ.