ފޭސްބުކް ގެ އެއް ބާނީ އަދި ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް ގެ ނެޓް ވެލިޔު 2013 ވަނަ އަހަރު ނިމުނު އިރު 24.5 ބިލިއަން ޑޮލަރަށް އަރައިފި އެވެ. މިއީ މައިކްރޮސޮފްޓްގެ ކުރީގެ ސީއީއޯ ބިލް ގޭޓްސް ފިޔަވާ ދުނިޔޭގެ ޓެކްނޮލޮޖީ އެގްޒެކެޓިވް އެއްގެ އަގު ފަހަކަށް އައިސް އެންމެ މައްޗަށް ދިޔަ ފަހަރެވެ.

ބްލޫމްބާގް ބިލިޔަނާސް އިންޑެކްސް އިން ދައްކާގޮތުން މާކް ޒަކަބާގްގެ އަގަށް 2013 ވަނަ އަހަރު ވަނީ 12.4 ބިލިއަން ޑޮލަރު އިތުރުވެފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ 2013 ވަނަ އަހަރު ފޭސްބުކްގެ އަގު ދެގުނަ ވެފައި ވުމެވެ. މިދިޔަ އަހަރު ފެށުނު އިރު ފޭސްބުކްގެ ހިއްސާއެއްގެ އަގު ހުރީ 27.44 ޑޮލަރުގައެވެ. 2013 ވަނަ އަހަރު ނިމުނު އިރު ފޭސްބުކްގެ ހިއްސާއެއްގެ އަގު ހުރީ 54.65 ޑޮލަރުގައެވެ. މިއީ 27.21 ޑޮލަރުގެ ކުރިއެރުމުކެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާ އެންމެ ބޮޑަށް ކުރި އަރާފައި ވަނީ މޮބައިލް ޑިވައިސްތަކަށް ފޭސްބުކް ފެތުރިފައިވާލެއް އަވަސްކަމާ އެކު، އާއްމު ގޮތެއްގައި ސޯޝަލް ނެޓްވާކްތަކާ މެދު މީހުންގެ މަގުބޫލުކަން އިތުރުވުމުންނެވެ.

މާކް ޒަކަބާގް އާ އޭނާގެ އަންހެނުން ޕްރިސިލާ ޗާން ވަނީ މިދިޔަ ދެ އަހަރުވެސް ފޭސްބުކްގެ 18 މިލިއަން ހިއްސާ ޗެރިޓީއަށް ހަދިޔާކޮށްފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު މި އަދަދުގެ ހިއްސާގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރެވެ. އަދި 2010 ވަނަ އަހަރު ޒުކަބާގް ވަނީ އެނާގެ ހަޔާތުގައި ލިބޭ މުއްސަނދިކަމުގެ ބޮޑު ބަޔެއް ޗެރިޓީ އަށް ހަދިޔާކުރާނެ ކަމަށް ބުނެ އިގުރާރެއްގައި ވެސް ސޮއިކޮށްފަ އެވެ.

މިދިޔަ އަހަރަކީ ޓެކްނޮލޮޖީ ބާޒާރުގައި ރަނގަޅު އަހަރެއް ކަމުން ބޮޑެތި ކުންފުނިތަކުގެ ވެރިންގެ އަގު ވަނީ މައްޗަށް ގޮސްފަ އެވެ. ބްލޫމްބާގް ބިލިޔަނާސް އިންޑެކްސް އިން ދައްކާގޮތުން މައިކްރޮސޮފްޓްގެ ކުރީގެ ސީއީއޯ ބިލް ގޭޓްސް ގެ އަގު 2013 ވަނަ އަހަރު ވަނީ 15.8 ބިލިއަން ޑޮލަރު މައްޗަށް ގޮސްފައެވެ. މިހާރު އޭނާގެ ނެޓް ވާރތު އަކީ 67 ބިލިއަން ޑޮލަރެވެ. އަދި މަޝްހޫރުވަމުން އަންނަ ކާރު އުފައްދާ ކުންފުނި ޓެސްލާ މޮޓޯސްގެ ސީއީއޯ އީލޮން މަސްކް ގެ އަގު ވަނީ 233 އިންސައްތަ މައްޗަށް ގޮސްފައެވެ. މިއީ ބްލޫމްބާގް ލިސްޓުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ސީއީއޯ އެވެ. އަދި މީގެ ސަބަބުން ޓެސްލާގެ ސްޓޮކްގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.