ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން އަމިއްލަ ހަރަދުގައި އެނބުރި އެ މީހެއްގެ ގައުމަށް ދާން ބޭނުންވާ ބިދޭސީން ރަޖިސްޓްރީކުރުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އިއުލާންކޮށްފައިވާ އިރު މިހާތަނަށް 1400 އަށް ވުރެ ގިނަ ބިދޭސީން ރަޖިސްޓްރީވެއްޖެ އެވެ.

ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސާ ސައީދު މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ އަމިއްލަ ހަރަދުގައި އެ މީހެއްގެ ގައުމަށް ދިއުމަށް 1405 ބިދޭސީއަކު މިހާތަނަށް ރަޖިސްޓްރީ ވެފައިވާ އިރު މިއަދު 2:00 އާ ހަމައަށް 1500 އަށް ވުރެ ގިނަ ބިދޭސީން ރަޖިސްޓްރީވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ބައެއް ބިދޭސީން އެބަ އަންނަމުންދޭ ޓިކެޓް ވެސް ނަގައިގެން، ދެން މާދަމާ 5:00 ޖަހަންދެން ރަޖިސްޓްރީ ވެވޭގޮތަށް އަދި މިއޮތީ. އަޅުގަނޑުމެން ކުރިން އަންދާޒާ ކުރީ ރަޖިސްޓްރީ ވާނީ 1000 ބިދޭސީން ކަމަށް. ނަމަވެސް މިހާރު ބެލެވޭ 2000 އެއްހާ ބިދޭސީން އަމިއްލަ ހަރަދުގައި ދިއުމަށް ރަޖިސްޓްރީވާނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށްދާނީ ދަރުމަވަންތަ ސްކޫލުގަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މާދަމާގެ ނިޔަލަށް ރަޖިސްޓުރީ ނުވެ އަމިއްލައަށް އެދިގެން ނުދާ ނަމަ އެ ބިދޭސީއެއް 10 އަހަރަށް ޑީޕޯޓްކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އަމިއްލަ ހަރަދުގައި އެނބުރި ގައުމަށް ދާން ބޭނުންވާ ބިދޭސީން ރަޖިސްޓްރީވުމަށް ހާޒިރުވާންޖެހެނި އެ ބިދޭސީއެއްގެ ގައުމަށް ނިސްބަތްވާ ހައި ކޮމިޝަނުން ދޭ ފޮޓޯ ޖެހި ލިޔުމެއް ހިފައިގެން ކަމަށްވާ އިރު މިހާރު ވެސް ގިނަ އަދަދެއްގެ ބިދޭސީން ދަނީ އެ ލިޔުން ހޯދުމަށް އެމްބަސީތަކުގެ ކައިރީގައި ބޮޑެތި ކިޔޫތައް ހަދަމުންނެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް އިމިގްރޭޝަނުން ބުނާ އިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. މިމައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާ އިރު، މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ފަށާފައިވާ ފުރަތަމަ މަސައްކަތެވެ.