މަރަށް މަރު ހިފުމަކީ ޝަރުއުގައި ހުއްދަ ކޮށްފައިވާ ކަމެއް ނަމަވެސް އެއީ އިސްލާމް ދީން ތަރުހީބުދޭ ކަމެއް ނޫން ކަމަށް މެލޭޝިއާގެ އެޓާނީ ޖެނެރަލުގެ ޝަރީއާ ކައުންސިލްގެ މެންބަރު ޑރ. ޝަމްރަހާ އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.


ގާނޫނުތަކާއި އިސްލާމީ ޝަރީއާގައި މަރުގެ ހުކުމް މިނަމުގައި ޖަސްޓިސް ސޮސައިޓީން އިންތިޒާމުކޮށްގެން ރޭ ކޮލެޖްގެ އޮޑިޓޯރިއަމްގައި އޮތް ލެކްޗާގައި ޝަމްރަހާ ވިދާޅުވީ މަރަށް މަރު ހިފުމަކީ އެންމެން އިއްތިފާގުވާ ހުކުމެއް ނޫން ކަމަށާއި އެކަމާ ދެކޮޅަށާއި އެއްކޮޅަށް ވާހަކަ ދައްކުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.


އިސްލާމްދީނުގެ ޝަރުއުގެ އަސާސްތަކުން ހެކި ދައްކަވަމުން ކުރިމިނަލް ލޯގެ އެކްސްޕާޓް، ޑރ. ޝަމްރަހާ ވިދާޅުވީ މަރަށް މަރު ހިފުމަކީ އިސްލާމް ދީނުގައި ޝަރުއު ކުރައްވާފައި ހުމެއް ކަމަށާއި އެކަން ތަންފީޒު ކުރުމުގައި ކުރިމިނަލް ލޯ އާއި ޕީނަލް ކޯޑާއި ހެކީގެ ގާނޫނުތަކަކީ ތަސަރައްފު ފުދިފައިވާ އެއްޗިއްސަށް ވާން ޖެހޭ ކަމަށެވެ.


"އިސްލާމް ދީނުގައި މަރަށް މަރުހިފުން އައިސްފައި ވަނީ މަދު ކަމެއްގައި. އަނެއްކާ ހެކިތައް ގަބޫލުކުރުމުގައި ދަރަޖަތަކެއް އެބަހުރޭ. އެގޮތުން ގާޒީ އަށް ޔަގީންވާ ހެކިތަކަށް ބަލަން ޖެހޭނީ. އެހެން ނޫނީ އެއްގޮތަކަށް ވެސް މަރަން ހުކުމް ކުރެވިގެން ނުވާނެ،"ޑރ. ޝަމްރަހާ ވިދާޅުވި އެވެ.


މޭލޭޝިއާގެ އިސްލާމިކް ލޯ ޑިޕާޑް މެންޓުގެ އެސިސްޓެންޓް ޕުރޮފެސާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ޝަމްރަހާ ވިދާޅުވީ މަރުގެ ހުކުމް ކުރެވުމުން މަރުވި މިހާ އާއި އެޖަރީމާ ހިންގި މީހާގެ ހައްގު ވެސް ހިމާޔަތް ކޮށްދޭން ޖެހޭ ކަމަށާއި އެކަމުގައި ބަލަން ޖެހޭނީ އެ ގައުމެއްގެ ދީނާއި ސަގާފަތުގެ މައްޗަށާއި މީހުންގެ ގަބޫލުކުރުންތަކުގެ މައްޗަށް ކަމަށެވެ.


"ރާއްޖެ އަށް އެންމެ ރަނގަޅީ މީހުން މެރުންތޯ ނުވަތަ ނޫންތޯ އިނގޭނި މި ގައުމުގެ ފަޑިޔާރުންނަށް. އެކަން ނިންމާނީ ގައުމުގެ ހާލަތަށް ބަލާފައި. އަޅުގަނޑު އެކަމަށް ގޮތެއް ނިންމާކަށް ނުޖެހޭ،"ޑރ. ޝަމްރަހާ ވިދާޅުވި އެވެ.


މެލޭޝިއާގެ ގާނޫނުތަކުގައި މަރަށް މަރުހިފުމުގެ ކަންތައްތައް އޮންނަ ގޮތުގެ މައްޗައް އަލިއަޅުވާލައްވައި ޝަމްރަހާ ވިދާޅުވީ ޑުރަގް އެތެރެ ކުރުމާއި ނަހަމަ ގޮތުގައި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމުން މަރުގެ ހުކުމް އެ ގައުމުގައި ތަންފީޒް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ހުޅަނގުގެ ފިއްތުންތަކާއި ފާޑުކިޔުން ރައްދުވަމުން އަންނަ ކަމަށެވެ.


އިސްލާމުން މަރުގެ ހުކުމާ މެދުގައި ގަބޫލުކުރަން ޖެހެނީ ކޮންގޮތެއްތޯ ސުވާލުކުރުމުން ޝަމްރަހާ ވިދާޅުވީ އިސްލާމުން ގަބޫލުކުރަން ޖެހެނީ އެ މީހުންގެ ސިކުނޑިއަށް ވިސްނޭ ކަންކަން ނޫން ކަމަށާއި އެހެނަސް ޝަރުއުގައި އެކަން ކަނޑައެޅިފައިވާ ގޮތް ކަމަށެވެ.


"އަހަންނަކީ މުސްލިމެއް. އެހެންވެ އަހަރެން ގަބޫލުކުރަން މަރަށް މަރުހިފުމަކީ ޝަރުއުގައިވާ ހުކުމެއް ކަމަށް. އެކަމާ ދެކޮޅެއް ނެހެދޭނެ،" ޑރ. ޝަމްރަހާ ވިދާޅުވި އެވެ.


ރާއްޖޭގައި އެންމެ ފަޑިޔާރަކު މަރުގެ ހުކުމް އިއްވާ އިއްވުމާ މެދު ޝަމްރަހާ ވިދާޅުވީ ޖޫރީންގެ ކަންކަން ބަޔާން ކުރާ ހާއްސަ ގޮތްތަކެއް ޝަރުއުގައި ކަނޑައެޅުފައި ނެތް ކަމަށާއި އެކަން ބިނާވާނީ ހެދޭ ގާނޫނުތަކެއްގެ މައްޗަށް ކަމަށާއި ކަމުގެ މާހިރުންގެ ކިބައިން ހުކުމް ކުރުމުގައި މަޝްވަރާ ހޯދުމަކީ މަނާކުރާކަމެއް ނޫން ކަމަށެވެ.


ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާއި ރައްޔިތުން މަޖުލީހުގެ ބައެއް މެންބަރުން ބައިވެރިވި އެ ލެކްޗާގައި ޝަމުރަހާ ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރާއިރު މަރާލަން ޖެހޭނީ އެންމެންނަށް ފެންނަ ގޮތަށް ކަމަށާއި އެކަމުގައި އެންމެ އަނިޔާވެރިކަން ކުޑަގޮތް އިހުތިޔާރު ކުރުމަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.


ޑރ. ޝަމްރަހާ އަކީ އިސްލާމިކް ލޯ އާއި ކުރިމިނަލް ލޯ ކިޔަވައި ދިނުމާއި ދިރާސާ ކުރުމުގައި 18 އަހަރުގެ ތަޖުރިބާ އާއި ތަމްރީން ލިބިވަޑައިގަތް ހުންނެވި މިހާރު ވެސް މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސީޓީގައި އެސިސްޓެންޓް ޕުރޮފެސާއެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭކަނބަލެކެވެ.