ފަސް އަހަރު ދުވަހުގެ ކޮންޓުރެކްޓެއްގައި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ޕޮލެންޑުގެ ގައުމީ ޓީމުގެ ހުނަރުވެރި ފޯވާޑް ރޮބަޓް ލެވަންޑޮސްކީ ބަޔާން މިއުނިކަށް ސޮއިކޮށްފި އެވެ.

ބަޔާން މިއުނިކަށް ބަދަލުވުމަށް ފަހު އުމުރުން 25 އަހަރުގެ ލެވަންޑޮސްކީ މީޑިއާތަކަށް ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ، ޖޫން މަހާ ހަމައަށް އަދި ޑޯޓްމަންޑާ އެކު ހުންނާނެ ކަމަށާއި އެހެން ނަމަވެސް ޖޫން މަހުގެ ފަހުން ޑޯޓްމަންޓާ އެކު ހަދާފައިވާ ކޮންޓުރެކްޓު މުޅިން އެއްކޮށް ހަމަވާނެ ކަމަށެވެ. އެއަށް ފަހު ދެން ހުންނާނީ ބަޔާން މިއުނިކްގައި ކަމަށާއި އެ ކްލަބާ އެކު ދިގު މުއްދަތަކަށް ސޮއި ކުރީ ބަޔާން މިއުނިކުން ހުށަހަޅާ ފައިވާ ކަންތައްތަކާ މެދު ހިތްހަމަޖެހިގެން ކަމަށް މީޑިއާތަކަށް ލެވަންޑޮސްކީ ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވެ އެވެ.

"އަހަރެން ބޮރޫޝިއާ ޑޯޓްމަންޑާ އެކު ހަދާފައިވާ ކޮންޓުރެކްޓު ޖޫން މަހު ހަމަވާނެ. ދެން އަހަރެން ފެންނާނީ ބަޔާން މިއުނިކުން. އެ ކްލަބާ އެކު އަހަރެން ހެދީ ފަސް އަހަރު ދުވަހުގެ ކޮންޓުރެކްޓެއް. ބަޔާނުން މިއުނިކުން ހުށަހެޅި ހުށަހެޅުންތަކާ މެދު އަހަރެން މިހިރީ ވަރަށް ހިތް ހަމަޖެހިފައި،" މީގެ ހަތަރު އަހަރު ކުރިން ޑޯޓްމަންޑާ ގުޅުނު ފޯވާޑް ލެވަންޑޮސްކީ ބުންނެވެ.

ލެވަންޑޮސްކީ ބުނީ، ފާއިތުވި ދުވަސްތަކުގައި ޑޯޓްމަންޑުގެ އިސްވެރިންނާއި އެކުލަބުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބާއި ހިތްހަމަޖެހުން އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ޑޯޓްމަންޑަކީ ކާމިޔާބީ ކުލަބަކަށް ވާނެކަމަށް އުންމީދު ކުރާކަމަށް ވެސް ލެވަންޑޮސްކީ ބުނެވެ.

"އަހަރެން މީގެ އެތައް ދުވަހެއްގެ ކުރިން ވެސް ނިންމާގެން ހުރީ ޑޯޓްމަންޑުގެ ކޮންޓުރެކްޓު އާނުކުރާން. އަހަރެން ބަޔާން މިއުނިކަށް ބަދަލުވާން އުޅޭކަން އަހަރެންގެ ސަޕޯޓަރުންނަށް މާކުރިއާލާ އިނގޭނެ. އެކަމަކު ބަޔާން މިއުނިކަށް އަހަރެން ސޮއިކުރީ ކިހާވަރެއްގެ އަގެއްގައި ކަމެއް އަދި ހާމަ ކުރާކަށް ބޭނުމެއް ނޫން،" ލެވަންޑޮސްކީ ބުނެވެ.