05 Jan 2014, 11:36
ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީގެ ޓްރާންފާ ފީގެ ގޮތުގައި 330 މިލިއަން ޕައުންޑު ހުށަހަޅަން ވެސް ޔޫރަޕްގެ ބައެއް ކްލަބުތަކުން ތައްޔާރަށް ތިބި ކަމަށް ކުޅިވަރުގެ ބާޒާރު ދިރާސާ ކުރާ ފަރާތެއް ކަމަށްވާ ޖެރާޑޯ މޮލީނާ ބުނެފި އެވެ.
މާކެޓިން އަދި ސްޕޯޓްސް މެނޭޖްމަންޓްގައި ލެޓިން އެމެރިކާގެ ލީޑިން އޭޖެންސީއެއް ކަމަށްވާ ޔޫރޯމެރިކާސްގެ ކުޅިވަރާބެހޭ ހާއްސަ ލިޔުންތެރިޔާ ބުނެފައިވަނީ، އާދަޔާ ހިލާފު ބޮޑު ފީއެއް ދައްކައިގެން ވެސް މެސީ ގެންދިއުމަށް ޔޫރަޕުގެ ބޮޑެތި ކްލަބު ތަކުން ތައްޔާރަށް ތިބި ކަމަށެވެ.
"ސަރުކާރުން ހަރަދުކޮށްގެން ހިންގާ ކްލަބެއް މިހާރު ވެސް ތައްޔާރަށް އެބައޮތް މެސީ ގެންދަން 330 ޕައުންޑު ދީގެން ވެސް،" ކްލަބުގެ ނަން ހާމަކުރެވެން ނެތްކަމަށް ބުނަމުން މޮލީނާ ސްޕެއިންގެ ނޫހަކަށް ބުންޏެވެ.
މޮލީނާ ބުނީ ޔޫރަޕްގެ ޔޫރަޕުގެ ބޮޑު ތިން ކްލަބަކުން މިހާރުވެސް މެސީއާ ބެހޭގޮތުން ދިރާސާ ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އަހަރެމެންނަށް ކްލަބު ތަކުގެ ނަން ހާމަ ކުރެވޭކަށް ނެތް. އެ ކްލަބުތަކުން ބޭނުންވަނީ، މެސީ ގެނެވޭނެ އެންމެ ރަނގަޅު އަގެއް ހޯދުމާއި އަދި އޭނާއާ ބެހޭ ގޮތުން އިތުރު ދިރާސާތައް ކޮށްދިނުން،" މޮލީނާ ބުންޏެވެ.
މޮލީނާ ބުނީ، އެމީހުންގެ ދިރާސާތަކުން ދައްކާގޮތުގައި މާކެޓް ކުރުމުގައި މިހާރު ވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވުރެ ފަސްގުނަ ބޮޑުކޮށް މެސީ މާކެޓް ކުރެވިދާނެ ކަމަށެވެ.
"ދިރާސާތަކަށް ބަލާއިރު ކްރިސްޓިއާނޯ ރޮނާލްޑޯގެ މާކެޓް ކުރެވޭ އަގު މިއުޅެނީ ގާތްގަނޑަކަށް 160- 150 މިލިއަން ޕައުންޑުގައި،" އޭނާ ބުންޏެވެ.
މޮލީނާ ބުނީ މެސީގެ ބައި-އައުޓް ކްލޯސް އަކަށް ވެސް 207 މިލިއަން ޕައުންޑް ހިމަނާފައިވާއިރު، ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގު ބޮޑު ކުޅުންތެރިއަކީ ލިއޯ މެސީ އެވެ.