05 Jan 2014, 11:16
ފ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި އެ ތިޖޫރިން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެ އިދާރާގެ މުވައްޒަފުގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްފައި ވަނީ ނިލަންދޫ ކޯޓުން ކަމަށެވެ.
"ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ތިޖޫރިން ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ފ. ނިލަންދޫ ފޮނިލުނބޯގޭ އަބްދުލްވާހިދު އަބްދުލް އަޒީޒެވެ. އޭނާ މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
ފ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އަތޮޅު ކައުންސިލްގެ ތިޖޫރިން ބައިމިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގިތާ އެތަކެއް ދުވަސް ވެފައިވާއިރު އަދިވެސް އެފައިސާތައް ފެނިފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ. ކޯޓު އަމުރެއްގެ ދަށުން އޭރު ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 17 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.