05 Jan 2014, 11:07
އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަބުރުގައި ރޭ ޓޮޓެންހަމް 2-0 އިން ބަލިކޮށް އެޓީމު ކަޓުވާލުމަށް ފަހު އާސެނަލް އެ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
އުތުރު ލަންޑަނުގެ ދެ ވާދަވެރިންގެ މެދުގައި ކުޅުނު ފޯރިގަދަ މެޗުގައި އާސެނަލް އަށް އެޓީމުގެ ފިރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނިޓްގައި ޖަހައިދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ސަންތި ކަޒޯލާ އެވެ. އަދި އާސެނަލް ޑޮމިނޭޓް ކުރަމުން ދިޔަ މެޗުގައި އެޓީމު ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 62 ވަނަ މިނިޓުގައި ޖަހައިދިނީ ތޯމަސް ރޮސިކީ އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި އާސެނަލްއަށް ދެރަކޮށް ދިމާވި ހަމަ އެކަނި މައްސަލައަކީ މެޗު ނިމެން ދަނިކޮށް އެޓީމުގެ އިންގްލެންޑް މިޑްފީލްޑަރު ތިއޯ ވޮލްކަޓްގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ދަނޑުން ބާލަން ޖެހުމެވެ.
އާސެނަލްގެ ކޯޗު އާސީން ވެންގާ ބުނީ މެޗުގެ ދެ ހާފުގައި ވެސް އޭނާގެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި ކަމަށެވެ. އަދި ފަހަތުންނާއި މެދުތެރެއިން ވަރުގަދަކޮށް އޭނާގެ ޓީމުން ރަނގަޅަށް ޕާސްދީގެން މެޗުތެރޭގައި ކުޅެލާ ކޮންމެ ފަހަރަކު އިދިކޮޅު ޓީމަށް ނުރައްކާ ވެގެންދާތަން ފެނިގެން ގޮސްފައިވާ ކަމަށް ވެސް ވެންގާ ބުންޏެވެ.
ޓޮޓެންހަމްގެ ކޯޗު ޓިމް ޝާވުޑް ބުނީ ނަތީޖާއާ ދޭތެރޭގައި ހިތްހަމަ ނުޖެހުނު ނަމަވެސް އޭނާގެ ޓީމުން ދެއްކި ކުޅުމާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށެވެ.